ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތު ފަންޑުން އެންމެ ބޮޑު އެހީ ކެންސަރު ބަލީގެ މީހުންނަށް

ޒަކާތު ފަންޑުން އެހީވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނަށް އެހީގެ ގޮތުގައި 454،574 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ކިޑްނީއާ ގުޅޭ ތަފާތު ބަލިތައް ތަހައްމަލް ކުރާ މީހުންނަށެވެ. އެގޮތުން ކިޑްނީގެ ބަލިތަކަށް 89،050 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުން މިދިޔަ މެއި މަހު ތިންވަނައަށް އެންމެ ގިނައިން ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެއީ 72،088 ރުފިޔާ އެވެ.

މީގެއިތުރުން ހިތުގެ އޮޕަރޭޝަންތަކެއް ކުރުމަށް 67،848 ރުފިޔާ އަދި އަދި އެހެނި ބަލިތަކަށް 619،113 ރުފިޔާވެސް މިދިޔަ މެއި މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެ އެވެ.

އެކި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ޒަކާތު ފަންޑުން 180 މީހަކަށް 1.3 މިލިއަން ރުފިޔާ މިދިޔަ މެއި ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑަކީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.