ރިޕޯޓް

ސެންޓްރަލް ޕާކް: ހިތްފުރާލަދޭ ރީތި ޕާކެއް!

ހުޅުމާލޭގެ ސެންޓްރަލް ޕާކު އެއޮއް ނިމެނީ އެވެ. އެރަށުގެ ރައްޔިތުންނަށް ރޫހީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއު ނިމުމަކާއި ވެސް ގާތްވަނީ އެވެ. އެކަމާ ހުޅުމާލެ ތަރައްގީކުރާ މައި މަރުކަޒު (އެޗްޑީސީ) އޮތީ ހެވިފަ އެވެ. މިހާތަނަށް އެ ކުންފުނިން ކުރި އެންމެ ތަފާތު މަސައްކަތް ނިކަން ފުރިހަމައެއްކޮށް ނިންމާލެވެނީ އެވެ. ހަތަރު ސެކްޓަރަށް ބަހާލައިގެން ހަދާ އަށް ހެކްޓަރުގެ އެ ބޮޑު ޕާކުގެ އެއް ސެކްޓާ ބޮޑު ފެންގަނޑަކަށް ވެސް ހަދައިފި އެވެ. ފޮޓޯގްރަފަރުންނާއި އާންމުންނާއި ކުޑަކުދިން އެތަން ފެނި އާސޯހު ވެއްޖެ އެވެ.

ގިނަ ފަހަރަށް ހީވެފައި އޮންނަނީ ގެ އެޅުނީމާ ނިމުނީ އެވެ. ރަނގަޅު ވަޒީފާއެއް ލިބުމުން އުފާވީ އެވެ. އެއްކަމެއް ނުކޮށް އެ ދެކަން ފުރިހަމަ ކޮށްދިނީމާ ސަރުކާރެއްގެ ޒިންމާވެސް ފުރިހަމަވީ އެވެ. މުޅިން ގޯހެވެ. އެއީ ރަނގަޅު ވިސްނުމެއް ކަމަށް ބަލައިގެން މިއޮތް ޒަމާނުގައި ތިބެވޭކަށް ނެތެވެ.

މާލެ ފަދަ ކޮންކްރީޓް ޖަންގައްޔެއްގެ މެދުގައި އޮންނަ ހުސް ބިމަކަށް ވުރެ ބޮޑަށް، ފުރިހަމައަށް ޑިޒައިންކޮށްލާފައި އޮންނަ ޕާކެއްގެ މުހިއްމުކަން ބޮޑެވެ. އެފަދަ ޕާކުތަކުން، ތޮއްޖެހި ބާރުވެފައި އޮންނަ "ބިޒީ" މުޖުތަމައުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގޭގެ ހަތަރު ފާރުން ބޭރަށް ނިކުމެލައި، ދުނިޔޭގެ ރީތިކަމާ ނަލަކަމާ މެދު ވިސްނާލަން ފުރުސަތު ލިބޭނެ އެވެ. މުޖުތަމައުގެ ހަމަހިމޭންކަން ފިލުވާލައި ދިރުން ހުރި ތަނަކަށް އެތަނެއް ބަދަލުކޮށްލަން އެހީތެރިވެދޭނެ އެވެ. މިއީ ތިންވަނަ ދުނިޔޭގެ ގައުމުތަކުން ވެސް ބޮޑެތި ސިޓީތައް ތަރައްގީކުރާއިރު އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމެވެ. ޗުއްޓީއަށް ދާ ބޭރު ގައުމުތަކުންވެސް މިކަން ވަރަށް ރަނގަޅަށް ފެންނާނެ އެވެ. ބިން އޮތް ވަރަކުން ޒަމާނީ ފެންވަރަށް ހަދާފައި ހުންނަ ރީތި ޕާކުތަކާއި ފައުންޓަންތައް އެތަންތަނުގައި ގިނަ އެވެ. އެހެންވީމާ ޕާކާއި، ފައްވާރާއި ފައުންޓަން އެޅުމުގެ ވިސްނުން ގޯހީ، އެކަން ރާއްޖޭގައި ކުރަން ވީމާ ހެއްޔެވެ؟

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިމުން މައިމަގަށްވާ ގޮތަށް ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމެއްގަ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކުރާ ސެންޓްރަލް ޕާކަކީ 15 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ވަކި ހަތަރު ސެކްޓަރަށް ހަދާ އެ ޕާކުގެ އެއްބައި މިހާރު ވަނީ ފައްވާރަކާ އެކު ހިތްގައިމު ބޮޑު ފެންގަނޑެއް ހިމަނައިގެން ގާތްގަނޑަކަށް ހަދައި ނިމިފަ އެވެ. އެތަނުގައި އާންމުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ރީތި ބެންޗުތަކެއް ހަދާފައިވެ އެވެ. ފެހިކުލައިގެ ދޫލައެއްހެން މުޅި ސަރަހައްދުގައި ވިނަ ހައްދާފައި އޮތް އިރު އެތަން މިހާރުވެސް ވެފައިވަނީ އައުޓްޑޯ ފޮޓޯ ޝޫޓުތަކަށް ފުރިހަމަ ވެއްޓަކަށެވެ. އެ ސެކްޓާ އެއްކޮށް ނިންމައި މި މަހުގެ ނިޔަލަށް ހުޅުވާނެއެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އާބަން ސިޓީއެއްގެ ކުލަ ޖެއްސުމަކީ މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު އެއް އަމާޒެވެ. އެއީ ހަމައެކަނި ކްރޫޒް ލައިނާ ޓާމިނަލެއް އެތަނުގައި އަޅައިގެނެއް ނޫނެވެ. އަދި ފެންވަރު ރަނގަޅު ފްލެޓުތައް އެކަނި އަޅައިގެނެއްވެސް ނޫނެވެ.

ސައިމަން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މޫނުމަތިން އުޖާލާކަން ފެނުމަކީ މުޖުތަމައު ކުރިއަރައިގެންދާނެ ކަމެކެވެ. ރައްޔިތުންނަކީ ހުޅުވާލެވިފައިވާ ވިސްނުންތަކަށް ލޯބިކުރާ، ނުވަތަ ޕޮޒިޓިވް ވައިބް ހުންނަ ބަޔަކަށް ހެދިއްޖެނަމަ މުޖުތަމައު ތަހުޒީބުވާނެ އެވެ. އެހެންކަމުން މުޖުތަމައުގެ ހަމަޖެހުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ހުރިހާ ރައްޔިތުންނަށް ސައިމަން އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އެތަން ޒީނަތްތެރިކުރަން އެންމެ ފަހުން ހަރުކުރި ހުރިހާ ބޮތްކެއް ދެ ހަފުތާގެ ތެރޭގައި އެއްކޮށް ވަނީ ތަޅާލާފަ. މިހާރު އަނެއްކާވެސް އަލުން އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އެތަން ނުހުޅުވި ލަސްވާންޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެއީ. މިފަދަ މައްސަލަ ދިމާވުމަކީ މަސައްކަތްތައް ދާންޖެހޭ ސްޕީޑުގައި ކުރިއަށް ދާން އެޅޭ ވަރަށްބޮޑު ހުރަހެއް. ރީތި ތަންތަން ރީތިކޮށް ބޭއްވޭނީ މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން،" ސައިމަން ވިދާޅުވި އެވެ.