އިންގްލެންޑްގައި ތިބި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ވެސް އެ ގައުމަށް މި އަހަރުގެ ޔޫރޯ ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ޔޫރޯގެ ކުރިން އައިސްލެންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އިންގްލަންޑުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ. އިންގްލެންޑް ބަލިވިއިރު، ޖަރުމަނު ފަހަތުން އަރައި މޮޅުވެއްޖެއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ރޭ ކުޅުނު މެޗުތަކުން އިންގްލެންޑުން 1-0 އިން އައިސްލެންޑް އަތުން ބަލިވިއިރު، ޖަރުމަނުން ވަނީ ފަހަތުން އަރައި 2-1 އިން ގްރީސް އަތުން މޮޅުވެފަ އެވެ.
މި މެޗަށް ފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ އައިސްލެންޑް މެޗުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފެނުނު ކަމަށެވެ. އަދި މިއީ އިންގްލެންޑްގެ ފެންވަރު ނޫން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.
"މި މެޗުން (އައިސްލެންޑް މެޗުން) ޕޮޒިޓިވް އެއް ކަމެއް ވެސް ނުފެނުނު. މިއީ ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ފެނުނު މެޗެއް" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ ޔޫރޯގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޔޫރޯއަށް ނުކުންނައިރު, ނުކުންނާނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލުން ބަލިވި ބަލިވުން ހަނދާން ނައްތާލައިގެން ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.
ސައުތުގޭޓް ބުނީ އިންގްލެންޑް ކުޅުންތެރިންގެ ފެންވަރަށް ބަލާނަމަ އެ ޓީމަށް އެއްވެސް އުނދަގުލަކާ ނުލާ ޔޫރޯ ކާމިޔާބު ކުރެވެން ޖެހޭ ކަމަށެވެ.
"ހަމަ އެކަނި ޓެލަންޓައް ބެއްލިޔަސް އިންގްލަންޑަށް ޔޫރޯ ކާމިޔާބުކުރެވޭނެ" ސައުތުގޭޓް ބުންޏެވެ.
މި ފަހަރުގެ ޔޫރޯ އަށް އިންގްލަންޑުން ނުކުންނައިރު އެ ޓީމުން ގިނަ ބަދަލުތަކެއް ފެންނާނެ އެވެ. އެ ގޮތުން އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ހެރީ މެގުއާ، ރަޝްފޯޑް އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ ޖޭމްސް މެޑިސަން ވަނީ ބާކީ ކޮށްފަ އެވެ.
މީގެ އިތުރުން ފިޓްނަސްގެ މައްސަލަ ދިމާގެ މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ވެސް ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ.
އެންމެފަހުން އޮތް ޔޫރޯގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލުން އިޓަލީ އަތުން ހިތިގޮތަކަށް ބަލިވެފައިވާ އިނގިރޭސިންނަށް އަދި މިހާތަނަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ކޮންމެފަހަރަކު ވެސް އިނގިރޭސި ސަޕޯޓަރުން "އިޓްސް ކަމިން ހޯމް" އޭ ކިޔުން ނޫން ކަމެއް ނުވެއެވެ.