ދުނިޔެ

އަސީރުން ސަލާމަތްކުރުމުގައި އެމެރިކާ ސިފައިން ބައިވެެރިވި: ސީއެންއެން

އިޒުރޭލުގެ ހަތަރު އަސީރަކު ސަލާމަތްކުރަން އިޒުރޭލު ސިފައިން ޣައްޒާގެ މެދުތެރޭގައި ހިންގި އަނިޔާވެރި އަސްކަރީ އޮޕަރޭޝަންގައި އެމެރިކާ ސިފައިން ބައިވެރިވެ، އެހީތެރިވި ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

މި ހަބަރާ ހަވާލާދީ އެމެރިކާ ބުނި ގޮތުން އަސީރުން މިނިވަންކުރުމުގައި އެމެރިކާ ސިފައިން އިޒުރޭލަށް އެހީތެރިވިއެއް ކަމަކު، ނުސީރާތު ރެފިއުޖީ ކޭމްޕަށް އިޒުރޭލު ސިފައިން ދިން ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ އަސީރުން ތިބި ތަން ހޯދުމަށް އެމެރިކާގެ އިންޓެލިޖެންސް ވަނީ ބޭނުންކޮށްފަ އެވެ. އަދި އަސީރުން ސަލާމަތްކުރާނެ ގޮތް ރޭވުމުގައި އިޒުރޭލާއި އެމެރިކާ އެތައް ހަފުތާއެއް ވަންދެން ވަނީ މަޝްވަރާކޮށްފަ އެވެ.

ނުސީރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 210 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ދުރާލައި ރާވައިގެން -- އަދި އެމެރިކާވެސް ޝާމިލްވާ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަސީރުން ހޯދައި ސަލާމަތްކޮށްފައިވަނީ މުޅިން ވަކިން އޮތް ދެ ދިމާއަކުން ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ހަތަރު އަސީރަކު ސަލާމަތްކުރުމަށްފަހު ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އަސީރުން ސަލާމަތްކުރުމަށް ކަމަށް ބުނެ އިޒުރޭލު ސިފައިން ނުސީރާތު ރެފިއުޖީ ކޭމްޕަށް ވަދެގަނެ ހިންގި ޖަރީމާތައް ދުނިޔޭގެ ސަމާލުކަން ގެނައުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ ވިދާޅުވެފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން އިޒުރޭލުގެ އަސްކަރީ ބަރު އުޅަނދުތައް ގޮތެއްފޮތެއް ނެތި ބާރު ދުވެލީގައި ގޮސް ނުސީރާތު ކޭމްޕަށް ވަނީ ވަދެގެންފަ އެވެ. އަދި ބެލުމެއް ނެތި އެކި ދިމަދިމާއަށް ވަނީ ހަމަލާދީފަ އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 400 އަށް ވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.