އެމްއެމްއޭ

ރާއްޖޭގެ އެފްއައިޔޫއަށް އެގްމޮންޓް ގްރޫޕްގެ މެންބަރުކަން ލިބިއްޖެ

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)، އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް (އެގްމޮންޓް ގްރޫޕް)ގެ މެންބަރުކަން ލިބިއްޖެ އެވެ.

ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އެގްމޮންޓް ގްރޫޕަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާ ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާ ބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ.

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައި މިވަނީ ފްރާންސްގެ ޕެރިހުގައި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައެވެ.

އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު އެވެ. މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވަނީ ބަންގްލަދޭޝް އާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރަކަށް ވުމުން އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެފްއައިޔޫ އަށް ލިބިގެންދާނެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ދަށުން ހިންގަމުން ގެންދާ އެފްއައިޔޫއަށް އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެމްއެމްއޭއިން އަދި އެފްއައިޔޫ އިން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.