ހުޅުމާލެ

ހުޅުމާލޭގެ ޗެނަލް ޕާކް ޖޫން 15ގައި ބަންދުކުރަނީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް ނުވަތަ ކޯރު ސަރަހައްދު މިމަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށް ނިންމައިފި އެވެ.

އެޗްޑީސީ އިން މިއަދު ބުނި ގޮތުގައި އެ ސަރަހައްދު ބަންދުކުރަނީ ޖޫން 15 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ.

ޗެނަލް ބަންދުކޮށްފައި އޮންނަ ވަގުތު ޖެޓްސްކީ ދުއްވުމާއި، އެ ސަރަހައްދަށް މޫދަށް އެރުމާއި، އެހެނިހެން އުޅަނދުތައް އެ ސަރަހައްދަށް ވަނުމާއި ހުރަސްކުރުމަކީވެސް މަނާ ކަމެއް ކަމަށް އެޗްޑީސީ އިން ބުނެ އެެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި އެ ސަރަހައްދު ބަންދުކުރަނީ މަސައްކަތެއް ކުރުމަށެވެ. އެހެންވެ އާމުންނަށް އެ ސަރަހައްދު އެވަގުތަށް ބަންދުކުރަނީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

"މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގުލަކަށް ނިހާޔަތަށް މާފަށް އެދެމެވެ." އެޗްޑީސީ އިން ބުނެފައިވެ އެވެ.

ޗެނަލް ޕާކް ސަރަހައްދުގައި ކުރަން އުޅޭ ވަކި މަސައްކަތެއްގެ މައުލޫމާތު އެޗްޑީސީ އިން ހިއްސާކޮށްފައެއް ނުވެ އެވެ.