ދުނިޔެ

"އަހަންނަށް ގައުމު ދިފާއެއް ނުކުރެވުނު، އިސްތިއުފާ ދީފިން"

ހަމާސްގެ ހަނގުރާމަވެރިންނަށް އޮކްޓޯބަރު ހަތެއްގައި އިޒުރޭލަށް އަރައިގަނެވުނީ ސަލާމަތީ ދޯހަޅިކަމެއްގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ޣައްޒާ ސަރަހައްދާ ހަވާލުވެ ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަވީ ރޮޒެންފެލްޑް އިސްތިއުފާ ދެއްވައިފި އެވެ.

ރޮޒެންފެލްޑް ގަބޫލުކުރައްވާ ގޮތުގައި ހަމާސްގެ ހަމަލާއަށް އޭނާވެސް ޒިންމާ ނަންގަވަން ޖެހެ އެވެ. އަދި އިސްތިއުފާ ދެއްވަނީ ޒިންމާ އުފުއްލެވުމުގައި އެންމެ ރަނގަޅަށް ވާޖިބުތައް އަދާނުކުރެވިގެން ކަމަށް ގަބޫލުކުރައްވާތީ ކަަމަށް ވިދާޅުވި އެވެ.

ބްރިގޭޑިއާ ޖެނެރަލް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ ޓެރަރިސްޓް ގުރޫޕަކަށް އިޒުރޭލަށް ވަދެވިދާނެ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ. އޭނާގެ އިސްތިއުފާ އަކީ މިކަމުގައި އިހުމާލެއް އޮތް މީހަކަށް އިބުރަތަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނި ގޮތުން ރޮޒެންފެލްޑްގެ އިސްތިއުފާ އަސްކަރިއްޔާ އިން ވަނީ ގަބޫލުކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އެ މަގާމަށް އެހެން ޖެނެރަލަކު އައްޔަންކުރުން ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އޮންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރޮޒެންފެލްޑްގެ ބަދަލުގައި އެހެން މީހަކު އެ މަގާމަށް އައްޔަން ކުރެވެންދެން މަގާމުގެ ވާޖިބުތައް އަދާކުރައްވާނެ ކަމަށް އޭނާ އޮތީ ވިދާޅުވެފަ އެވެ.

ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލަށް އަރައިގަތުމާ ގުޅިގެން މުހިއްމު ޒިންމާތަކުގައި ތިއްބެވި ބައެއް ވެރިން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މީގެތެރޭގައި އިޒްރޭލް ޑިފެންސް ފޯސްގެ އިންޓެލިޖެންސްގެ ވެރިޔާ އަހާރޮން ހަލިވާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރޮޒެންފެލްޑް ވިދާޅުވި ގޮތުގައި އިހުމާލުވެވިފައި އޮތް ނަމަ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުމެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ މީހަކުވެސް އެ މީހެއްގެ ވާޖިބުތަކަށް ޒިންމާވާން ޖެހޭ ކަމަށެވެ.

އޮކްޓޯބަރު ހަތެއްގެ ހަމަލާއާ ގުޅިގެން އަދިވެސް އިތުރު ވެރިން އިސްތިއުފާ ދެއްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޓައިމްސް އޮފް އިޒުރޭލުން ބުނެ އެވެ.

އިޒުރޭލު ތެރޭގައި ހާލަތު ހަމައަކަށް އެޅެން ފެށުމުން ޝިން ބެޓް ސެކިއުރިީ އޭޖެންސީގެ ވެރިޔާ އަދި އައިޑީއެފްގެ ވެރިޔާވެސް އިސްތިއުފާ ދެއްވުމާ މެދު ގޮތެއް ނިންމެވުން އެކަށީގެންވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެކަމަކު އަދި މިއިން އެކަކުވެސް އިސްތިއުފާދެއްވުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

އިޒުރޭލު ތެރޭގެ ހާލަތު މިހެން އޮތް ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ބައެއް ވެރިން ގަބޫލުކުރައްވާ ގޮތުގައި އިސްތިއުފާ ދެއްވުމަކީ އަދި ހައްލެއް ނޫނެވެ.

ހަމާސްގެ ހަމަލާތަކުގައި އެ ބޭފުޅުން ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނެތް ކަމަށްވެސް ކެބިނެޓްގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.