ދުނިޔެ

ދިފާއީ ވަޒީރު އިސްތިއުފާދެއްވުމަކީ ކާމިޔާބެއް: ބެންގަވީރު

ހަނގުރާމައިގެ ހާލަތު ވިލަރެސްކުރުމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލެއްވި ހާއްސަ ކެބިނެޓްގައި ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވި ބެނީ ގަންޒް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ބެނީ ގަންޒް އިސްތިއުފާ ދެއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސަރުކާރު ތެރޭގައި ވާހަކަދެކެވިފައި ވަނިކޮށް ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ނެޝަނަލް ސެކިއުރިޓީ ވަޒީރު އިތަމާރު ބެންގަވީރު ވިދާޅުވީ ގަންޒް އިސްތިއުފާ ދެއްވުމަކީ އިޒުރޭލަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި މިހާރު އިޒުރޭލު ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަމަށެވެ. ޓެރަރިސްޓުންނާ ދެކޮޅަށް އިޒުރޭލުން ކުރާ ހަނގުރާމައިގައި ބެނީ ގަންޒާއާ ހެދި ކިތަންމެ ކަމެއް ފޭލްވެފައިވާ ކަމަށްވެސް އިތަމާރު ތުހުމަތުކުރެއްވި އެވެ.

ބެންގަވީރު ވިދާޅުވީ އިޒުރޭލަކީ ނާކާމިޔާބީއަށް މަރުހަބާ ކިޔާ ބައެއް ނޫން ކަމަށެވެ. އުތުރާއި ދެކުނުގައި އަދި އިޒުރޭލު އެނބުރުނު ކޮންމެ ދިމާއެއްގައި އެންމެ ގާތީ ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމާގައި އިޒުރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޣައްޒާއަށް ތެލާއި އިންސާނީ އެހީތެރިކަން ވެއްދުން ކަމަށް ވެސް ބެންގަވީރު ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހަމާސްގެ ހަނގުރާމަވެރިންނަށް އެއިން ބައެއް ލިބުން ކަމަށެވެ.

ބެނީ ގަންޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ޖުވިޝް ޕަވާ ޕާޓީއަށް އެ ގޮނޑި ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ބެންގަވީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިއިގެ ކެބިނެޓުން ގޮނޑިއެއް ހޯއްދެވުމަކީ އުއްމީދެއް ކަމަށާއި ގޮނޑިއެއް ލިބިވަޑައިގެންފިނަމަ ޣާއްޒާ އެފުށް މިފުށަށް ޖައްސަވާނެ ކަމަށެވެ. ގަންޒާ ނުލައި ހަނގުރާމައިގެ ހުރިހާ ކަމެއް މާ ރަނގަޅަށް ނިންމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އެންމެ ހަރުކަށި ދެ ވަޒީރަކީ އިތަމާރު ބެންގަވީރާއި، މާލީ ވަޒީރު ބިޒަލެލް ސްމޮތުރިޗް އެވެ.

ސްމޮތުރިޗް ވެސް ވަނީ ބެނީ ގަންޒަށް ފާޑުވިދާޅުވެ، ޣައްޒާ ހަނގުރާމައިގައި އިޒުރޭލަށް ރަނގަޅު ކާމިޔާބެއް ލިބިފައި ނުވަނީ ގަންޒްގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ބެނީ ގަންޒް އިސްތިއުފާ ދެއްވީ ޣައްޒާ ހަނގުރާމަ އަކީ، ހަނގުރާމައަކަށް ވުރެ ބޮޑަށް ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ހަޔާތް ބާއްޖަވެރި ކުރެއްވުމުގެ ނިޔަތުގައި އޭނާ ކުޅުއްވާ ބޮޑު ކުޅިގަނޑެއް ކަމަށް ވިދާޅުވެފަ އެވެ.

ހަނގުރާމައިގައި އިޒުރޭލަށް ފައިދާ ބޮޑު ގޮތް ނަތަންޔޫހޫ ދޫކޮށްލައިވާފައިވާ ކަމަށް ވިދާޅުވެ ބައެއް އެހެން މެމްބަރުންވެސް ވަނީ ނަތަންޔާހޫއާ ދުރަށް ޖެހިވަޑައިގެންފަ އެވެ.