އެފްއޭއެމް

އަތޮޅުތަކުގެ ކްލަބުތަކަށް ވޯޓްނުލެވޭގޮތް ހެދުމުން މަރުޒޫގް ފާޑުކިޔައިފި

އަތޮޅޫ ތެރޭގެ ކުލަބުތަކަށް އެފްއޭއެމުގެ އިންތިހާބުގައި ވޯޓުނުލެވޭނެ ކަމަށް މިއަދު ބޭއްވި އެފްއޭއެމުގެ ކޮންގްރެސްގައި ނިންމުމުން އޮލިމްޕިކް ކޮމިޓީން އެކަމަށް ފާޑުކިޔައިފި އެވެ.

ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ މިއަދުގެ ނިންމުމާއެކު 2007 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތްތައް ފެނަށްވެގެން ހިނގައްޖެކަމަށެވެ.

"ބުނެލަން އޮތީ އަތޮޅުތެރޭ ފުޓްބޯޅަ ކުރައަރާނީ އަތޮޅު ޓީމުތަކަށް ވޯޓު ހައްގު ލިބިގެން. އަނެއްކާ ވެސް އެފްއޭއެމަށް އަށް އަންނަ މެނޭޖްމަންޓެއް އޮންނަން ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ މެނޭޖްމަންޓުގެ ޖީބުގައި،" ކުރިން ވެލެންސިއާ އާއި ޔޫތަށް ކުޅުނު ފޯވަޑް ބުންޏެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި ކުލަބުތަކުން ވަނީ ކުރިން އަތޮޅޫތެރޭގެ ޓީމުތައް ހިމަނައިގެން 44 ކުލަބަށް ވޯޓުލެވެން އޮތް މާއްދާގެ ބަދަލުގައި 21 ޓީމު ވޯޓުލާގޮތަށް ބަދަލުކޮށްފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ 10 ކުލަބާއި ތިން ވަނަ ޑިވިޝަނުގެ ތިން ކުލަބެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދެ ވޯޓު ލެވޭނެ އެވެ.

އެފްއޭއެމް މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވެސް ވަނީ މިނިންމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.