ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތައިލެންޑްގެ ބޭސްތަކެއް އެތެރެކުރުން މަނާކޮށްފި

ތައިލެންޑްގައި ބޭސް އުފައްދާ ކުންފުންޏަކުން އުފައްދާ ބޭސްތަކެއް ނުގަތުމަށާއި އެފަދަ އެއްވެސް ބޭހެއް ރާއްޖެއަށް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެފްޑީއޭ އިން އިލްތިމާސް ކުރީ ތައިލެންޑްގެ "ސެވަން ސްޓާސް ފާމަސޫޓިކަލް ކޯ" އިން އުފައްދާ ބޭސްތަކުގެ ތެރެއިން 15 ވައްތަރެއްގެ ބޭސް ނުގަތުމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ސެވަން ސްޓާސް އިން އުފެއްދި ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވޭ ކަމަށް ތައިލެންޑްގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ އިން އަންގާފައިވާ ކަމަށެވެ.

ތައިލެންޑްގައި މައްސަލަ ޖެހިގެން އުޅޭ ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭސްތަކުގެ ތެރޭގައި މިހާރުވެސް ހިމެނޭ ބޭސްތަކެއް ނޫނެވެ.

ގަތުމާއި އެތެެކުރުން މަނާކުރި ބޭސްތައް

  • ފޭޓެކް ސިރަޕް
  • ކްރެސްޓްރިމް ސަސްޕެންޝަން
  • ކްރެސްބްރޮކްޒޯލް ސިރަޕް
  • ކާބޮސޯލް ސިރަޕް
  • ޑޮމްޕާސްޓާ ސަސްޕެންޝަން
  • ސެޓަފެން ސިރަޕް
  • ޕެރެސްޓާ ސަސްޕެންޝަން
  • ކްރެސްބުފެން ސަސްޕެންޝަން
  • ސްޓާޓެކް ސިރަޕް
  • އިބުސްޓާ ސަސްޕެންޝަން
  • ކޯ ޓްރިމެކްޒޯލް މިކްސްޗާ
  • ޑޮމްޕާކްރެސް ސިރަޕް
  • ސްޓާޓިފިން ސިރަޕް
  • ކްރެސްކޯލެޓް ސިރަޕް
  • ކްރެސްޓެކް ސިރަޕް

ނަމަވެސް މި ބޭސްތަކުގެ މައްސަލަ ސަމާލުކަމަށް ގެނައީ ގިނަ ދިވެހިން ބޭސް ފަރުވާއަށް ތައިލެންޑަށް ދާތީ އަމިއްލަ ބޭނުމަށްވެސް މި ބޭސްތައް ނުގަތުމަށް ހަނދާންކޮށްދިނުމަށް ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނީ ތައިލެންޑްގައި މަނާކުރި ބޭސްތައް ރާއްޖެ އެތެރެކުރޭތޯ މިދުވަސްވަރު ވަކިން ބޮޑަށް ބަލައި ފާސްކުރާނެ ކަމަށެވެ.