ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯނަށް އެސްޓީއޯ ގުރޫޕްގެ ފަރާތުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ފަލަސްތީނާ އެކު ދިވެހިންގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ފައިސާ ހަދިޔާ ކޮށްފައިވަނީ އެސްޓީއޯގެ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ޓީވީއެމްގެ ސްޓޫޑިއޯއަށް ގޮސްގެންނެވެ.
އެސްޓީއޯ އިން ވަނީ ފަަލަސްތީނަށް އެހީވުމަށް އެ ކުންފުނީގެ ހެޑް އޮފީހާއި ޕީޕަލްސް ޗޮއިސްގައި ފަނޑު ފޮށްޓެއްވެސް ބަހައްޓާފަ އެވެ. ރަށްރަށުގެ އެސްޓީއޯ ފާމަސީ ތަކާއި އަދި އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައިވެސް ފަލަސްތީނަށް އެހީވުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަދެ އެވެ.
ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.
ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.