މިނިސްޓްރީ އޮފް އެޑިއުކޭޝަން

ތޯހާ އަލުން ޣިޔާސުއްދީންގެ ޕްރިންސިޕަލް ކަމަށް

ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އަލުން އެނބުރި ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޣިޔާސުއްދީން ސްކޫލުން މިއަދު ބުނީ ތޯހާ އަލުން އެ ސްކޫލަށް ނިކުމެވަޑައިގަންވަނީ އަންނަ ހަފްތާއިން ފެށިގެން ކަމަށެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން، 10 އަހަރަށް ފަހު ތޯހާ ސަލީމް އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

ތޯހާ އިސްތިއުފާ ދެއްވުމުން އެ މަގާމު ދެން ފުރުއްވީ އަލީ މުސްތަފާ އެވެ. އަލީ މުސްތަފާ ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ.

ތޯހާއަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ މަގާމުން ފެށިގެން ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކާ ހަމައަށް ވަޑައިގެންނެވި ބޭފުޅެކެވެ. ތައުލީމީ މުޅި ނިޒާމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ފުރިހަމަވާންޖެހޭ ކަންކަން އެނގިވަޑައިގަންނަވާ އަދި އަމަލީ ގޮތުން އެކަމުގައި ހަޔާތުގެ ހުރިހާ ވަގުތެއްހެން ހޭދަކުރެއްވި ތަޖުރިބާކާރެކެވެ.

އީޕީއެސްއެސް އިން ޖީސީއީ އޯ ލެވެލް ހެއްދެވުމަށްފަހު ތައުލީމީ ދާއިރާއަށް ވަދެވަޑައިގަތީ، އުފަން ރަށް، ހއ. ހޯރަފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެ ސްކޫލުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ އިންޑިއާއަށް ސްކޫލު މެނޭޖްމަންޓުން ޑިޕްލޮމާ ހާސިލްކުރެއްވުމަށެވެ.

ތޯހާ ވަނީ ޓީޗިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިޔާއިން އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސްގެ އިތުރުން ސިންގަޕޫރުން ޑިޕާޓްމެންޓަލް މަނޭޖްމަންޓްގެ ދާއިރާ އިން ޑިޕްލޮމާ ވެސް ހާސިލްކުރައްވާފަ އެވެ.