ބޭރު ކުޅިވަރު

ނަސްލީ ތަފާތުކުރުމަށް ހިތްވަރު ދިން ތިން ސަޕޯޓަރުން ޖަލަށް

ރިއާލް މެޑްރިޑުގެ ތަރި ވިނިޝިއަސް ޖޫނިއާ އާއި ނަސްލީގޮތުން ދިމާކުރި މައްސަލައިގައި ވެލެސިއާގެ ތިން ސަޕޯޓަރުން ޖަލަށްލުމަށް ސްޕޭންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ވެލްސިއާގެ ދަނޑުގައި ރިއާލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ހަމަނުޖެހުންތަކެއް ހިނގައި ވެލެންސިއާގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ވިނިޝިއަސް އާއި ނަސްލީގޮތުން ދިމާކޮށްފަ އެވެ. އެމީހުން އޭނާ އާއި ދިމާލަށް ތިޔައީ "ރާމާ މަކުނެކޭ" ގޮވި ކަމަށްވެ އެވެ.

މެޗަށްފަހު ވިނިޝިއަސް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ދޭ މީހުންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

މިއީ ފުޓުބޯޅަ ދަނޑެއްގައި ނަސްލީ އިމްތިޔާޒަށް އަރައިގަނެގެން ސްޕޭންގައި ޖަލަށް ހުކުމްކުރި ފުރަތަމަ ފަހަރެވެ. ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުވެ އަށް މަސް ދުވަހަށް ޖަލަށްލުމަށް ހުކުމުގައިވެ އެވެ.

ސްޕޭންގެ ގާނޫނު ބުނާ ގޮތުން ޖިނާއީ ކުށް ފިޔަވައި ދެން ހުންނަ ކުށްތަކުގައި ދެ އަހަރަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފިނަމަ މިނިވަންވާނެ އެވެ. އަދި އެފަދަ ކުށެއް ތަކުރާރު ވެއްޖެނަމަ ޖަލު ހުކުމަކަށް ބަދަލުވާނެ އެވެ. ވީމާ ޖަލަށް ލުމަށް ހުކުމް ކުރި ތިން މީހުންވެސް މިނިވަން ވާނެ ކަމަށް ބެލެވެ އެވެ.

މިތިން ސަޕޯޓަރުން ދެ އަހަރުގެ މުއްދަތައް ފުޓުބޯޅަ ސްޓޭޑިއަމް ތަކަށް ވަނުންވެސް ވަނީ މަނާ ކޮށްފަ އެވެ. ސްޕޭންގައި މިފަދަ މައްސަލަ ތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދެ އެވެ. ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރިއާލް މެޑްރިޑުން ގޮވާލާފައިވެ އެވެ. އަދި ސްޕޭންގެ ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ރިއާލް މެޑްރިޑުން ބުނެފައިވެ އެވެ.