ފޭސްބުކުން އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ހޯދައި އެ ފޮޓޯތައް އެހެން މީހަކަށް ފޮނުވި މައްސަލައަކާ ގުޅިގެން ދައުވާކުރި މީހަކާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އެ މީހާއަށް ލުއި އަދަބެއް ދީފި އެވެ.
މީގެ ހަ އަހަރު ކުރިން 2018 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއަކީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ދިވެހި ފިރިހެނެއްގެ މައްސަލަ އެކެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ އެ މީހާ ނިސްބަތްވާ ރަށު ކޯޓުގައެވެ.
ދައުލަތުން 2020 ވަނަ އަހަރު އުފުލި މި ދައުވާ އާއި ގުޅިގެން ހުކުމްކޮށްފައިވަނީ މި ހަފްތާ ގައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާ، 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ފޭސްބުކުން އެހެން މީހަކަށް ފޮނުވި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ގެންގުޅޭ ބައެއް ސާމާނު ބެލިއިރު، އޭނާގެ ހާޑް ޑިސްކަކުން އޮރިޔާން މަންޒަރުތައް ދައްކުވައިދޭ 86 ވީޑިއޯ ފެނިފައިވެ އެވެ. އެކަމާ ގުޅިގެން ދައުލަތުން އުފުލި ދައުވާއަށް އެ މީހާ ވަނީ ކޯޓުގައި އިއުތިރާފުވެފަ އެވެ.
ދައުވާއަށް އިއުތިރާފުވެ އޭނާ އަދި ދައުލަތުންވެސް އެދުނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން ކޯޓުން ބަލައިގަތުމަށެވެ. އިއުތިރާފުގެ އެއްބަސްވުން ކޯޓުން ބަލައިގަނެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންދަން ނިންމީ އެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގައި އެ މީހާގެ މައްޗަށް ކުށް ސާބިތުވިޔަސް ކަނޑައެޅޭނެ އަސާސީ އަދަބަކީ އެންމެ ނުވަ ދުވަހުގެ ޖަލު ހުކުމެވެ.
މި މައްސަލަ އަކީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ މިފަދަ ކުށެއްގައި ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި ކުށުގެ ވެށިން ދުރުވުމަށް ބާރުއެޅުމުގެ ގޮތުން ޖަލު އަދަބު ނޫން އެހެން އަދަބެއް ދިނުމުގެ މަސްލަހަތު ބޮޑު ކަމަށް ބަލައި، މި މައްސަލައިގައި ފަނޑިޔާރު ނިންމެވީ ނުވަ ދުވަހުގެ ޖަލު ހުކުމް، 1800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލު ކުރާށެވެ.
އަންގާރަ ދުވަހު މި މައްސަލަ ނިންމާފައިވަނީ ދައުވާ ހުށަހެޅުނު ކޯޓުގެ އިސްމެޖިސްޓްރޭޓެވެ. މި ހަބަރުގައި މައްސަލައިގައި ހިމެނޭ މީހާގެ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވަނީ އަނިޔާ ލިބުނު ކުޑަ ކުއްޖާގެ މައުލޫމާތެއް އާއްމުވިޔަ ނުދިނުމަށެވެ.