މާލޭ ސިޓީ ކައުންސިލް

މިއަހަރުގެ އޮގަސްޓް މަހަށް އާސަހަރާ އިމާރާތް ނިމޭނެ: އާޒިމު

މާލޭގެ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމަތުކުރުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މާލޭގެ މޭޔަރު އާދަމު އާޒިމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އާސަަހަރާގެ މަސައްކަތް ވަނީ އަވަސްކުރެވިފައި ކަމަށާއި އަދި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ އޮގަސްޓް މަހަށް ހުރިހާ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

އާޒިމު ވިދާޅުވީ އާސަހަރާގައި ކުރަން ހުރި މަސައްކަތްތައް ލަސްވީ ސަހަރާގައި އަޅަމުންދާ އިމާރާތުގެ ކުރެހުންތަކަށް ގެންނަން ޖެހުނު ބަދަލުތަކުގެ އިތުރުން ކޮންޓްރެކްޓަރުންނާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

"އެ މައްސަަލަތައް މިހާރު ވަނީ ހައްލުވެފައި،" އާޒިމު ވިދާޅުވި އެވެ.

އާސަހަރާގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މި އިމާރާތުގެ މަސައްކަތް އޭގެފަހުން ވަނީ ތިން ބަޔަކާ ހަވާލުކޮށްފަ އެވެ. އިމާރާތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސްއާ އެވެ.

މިމަސައްކަތް ހަވާލުކުރީ ގިނަ ވެގެން ދެ މަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށް 4.9 މިލިއަން ރުފިޔާ އަށެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ އޮތީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.

އޭގެފަހުން އާ ސަހަރާގެ މަސައްކަތް ބީސިކްސް އިންވެސްޓްމަންޓާ 4.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ.

މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

"މިހާރުގެ ކޮންޓްރެކްޓަރު ހައިމަން ވަނީ އަޅުގަނޑުމެން ކައިރި ބުނެފައި އެ މަސައްކަތްތައް އެ ބޭފުޅުންގެ ހަރަދުގައި ކޮށްދެއްވާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.