ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާތަކުގައި އަދާލަތާއި އެމްޑީޕީ ބައިވެރި ކުރަން ބޭރުގެ އެހީ ހޯދަނީ

މަޝްވަރާތަކުގައި އަދާލަތާއި އެމްޑީޕީ ބައިވެރި ކުރުމަށް ބޭރުފަރާތްތަކުގެ އެހީއަށް އެދިފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، ޝައިނީ މިހެން ވިދާޅުވީ ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މޭޒަށް އައުމަށް ދެއްވި ދައުވަތު އެމްޑީޕީ އަދި އަދާލަތު ޕާޓީއިން އިންކާރުކޮށްފައިވާތީ އެވެ. މިހާތަނަށް ބޭއްވި ޕާޓީތަކުގެ ދެ ބައްދަލުވުމުގައި ވެސް އެދެ ޕާޓީ އިން ބައިވެރިއެއް ނުވެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ދެ ބައްދަލުވުމަށްވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ ހާޒިރުނުވާތީ، ބައިނަލްއަގުވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާގައި ބައިވެރިވުމުގެ އުންމީދު އެބައޮތް ކަމަށާއި އދ. އާއި އެހެނިހެން ރާއްޖެއާއި ރަހުމަތްތެރި ފަރާތްތަކުގެ އެހީތެރިކަމާއިއެކު އެމްޑީޕީ އަދި އަދާލަތު މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ޝައިނީ ވިދާޅުވެފައި ވަނީ، ދެން މަޝްވަރާ ބައްދަލުވުން ބާއްވާނީ ހަފްތާ ބަންދަށް ފަހުގައި ކަމަށާއި އެ ބައްދަލުވުން ބާއްވާނީ ބޭރުގެ އެހީއާއެކު، ދެ ޕާޓީ މަޝްވަރާގައި ބައިވެރިކުރަން ބާރުއެޅުމަށް ފަހުގައި ކަމަށެވެ.