ޔޫރޯ 2024

ޔޫރޯ 2024: މިރޭވެސް ފޯރިގަދަ މެޗު ތަކެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތިން މެޗެއް ކުޅެން ހަމަ ޖެހިފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހަންގޭރީ އާއި ސްވިޒަލޭންޑް އެވެ. ހަންގޭރީ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފެށި މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ޖެހިއިރު އެވެ. މިއީ ޖަރުމަނު ހިމެނޭ ގްރޫޕް އޭގެ ދެވަނަ މެޗެވެ.

ހަންގޭރީ އަދި ސްވިޒަލޭންޑް އެންމެ ފަހުން ވަރުގަދަ ބޮޑު މުބާރާތެއްގައި ވާދަކޮށްފައިވަނީ މީގެ 86 އަހަރު ކުރިންނެވެ. 1938 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ވާދަކުރި މެޗު ހަންގޭރީން ކާމިޔާބު ކުރީ 2-0 އިންނެވެ. ނަމަވެސް މިފަހުން މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު އެކުވެރި ކަމުގެ ނުވަ މެޗުން ހަ މެޗު
ކާމިޔާބުކޮށްފައިވަނީ ސްވިޒަލޭންޑުންނެވެ.

މިރޭގެ ދެވަނަ މެޗުގައި ވާދަކުރާނީ ސްޕެއިން އާއި ކްރޮއޭޝިއާ އެވެ. މިއީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 9:00 ޖަހާއިރު އެވެ. މިރޭގެ މެޗު ތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭނެ މެޗަކަށް މި މެޗު ވާނެ އެވެ.

މިދެ ޓީމު އެންމެ ފަހުން ކުޅެފައިވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ގައެވެ. އެމެޗުން ސްޕެއިން ވަނީ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. ނަމަވެސް ފައިނަލްގައި ފްރާންސް އަތުން ސްޕޭން ވަނީ ބަލިވެފަ އެވެ. މި ދެ ޓީމު މީގެ ކުރިން ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައިވެސް ވާދަކޮށްފަ އެވެ. އެފަހަރުގެ މެޗުވެސް ކާމިޔާބު ކުރީ ސްޕެއިން ޓީމުންނެވެ.

ސްޕޭން ޓީމަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރި ޓީމެވެ. އެ ގައުމުން ވަނީ މި މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލާފަ އެވެ.

މިރޭގެ ފަހު މެޗުގައި ރާއްޖެ ގަޑިން ދަންވަރު 12:00 ޖަހާއިރު ވާދަކުރާނީ އިޓަލީ އާއި އަލްބޭނިއާ އެވެ. ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަންސް އިޓަލީ މި މުބާރާތަށް ނުކުންނަނީ ތަށި ދިފާއު ކުރުމުގެ ވަރުގަދަ އަޒުމަކާއެކު އެވެ. މިއީ ގްރޫޕް ބީގެ ދެވަނަ މެޗެވެ.

އިޓަލީ އަކީ މި މުބާރާތް ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމެވެ. އެ ޓީމުން މި ތަށި ދެފަހަރު އުފުލާލާ ފައިވެ އެވެ. އިޓަލީ އަކީ ބްރެޒިލަށް ފަހު އެންމެ ގިނައިން ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވާ ގައުމެވެ. ގުރުއަތުން ދިމާވި ގޮތުން އިޓަލީ ހިމެނުނީ ޔޫރަޕްގެ ގަދަ ދެ ބާރު ސްޕޭން އާއި ކްރޮއޭޝިއާ ހިމެނޭ ގްރޫޕް ގައެވެ.
މުޅި މުބާރާތުގައި ވެސް އެންމެ ވާދަވެރިކަން ބޮޑު ގްރޫޕަކަށް ގްރޫޕް ބީ ވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.