ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ސިޓީފުޅެއް ސައުދީ ވަލީއަހުދަށް

ސައުދީ އަރަބިއްޔާ އިން ހައްޖުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރީ ވަރަށް ފުރިހަމައަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދި އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް ތައުރީފް ކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައީސްގެ ސިޓީފުޅުގައި މިއަހަރު ހައްޖުގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ވިދާޅުވެ ޝުކުރުވެސް އަދާކުރައްވާފައިވެ އެވެ.

މިސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ ހައްޖުގެ މާތް ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމު އުންމަތުގައި ދަމަހައްޓައި، ހަމަޖެހުމާއި ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމުގެ މަގު މިންވަރުކުރެއްވުން އެދި ދުއާވެސް ކުރައްވާފަ އެވެ.

ރައީސްގެ ސިޓީފުޅުގައި ވަނީ އަޟްހާ އީދުގެ މުނާސަބަތުގައި ވަލީއަހުދާއި ޝާހީ އާއިލާ އާއި ސައުދީ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައްވެސް ފޮނުއްވާފަ އެވެ.

ވަލީއަހުދަށް ދުޅަހެޔޮ ސިއްހަތަކަށާއި ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށްވެސް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ.