އިޒުރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތައް ވިލަރެސްކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލާފައި އޮތް "ވޯ ކެބިނެޓް" އުވާލުމަކީ އެމެރިކާއާ ބެހޭ ކަމެއް ނޫން ކަމަށް ޖޯ ބައިޑަންގެ ސަރުކާރުން ބުނެފި އެވެ.
ވޯ ކެބިނެޓަކީ ހަނގުރާމައިގެ ހާލަތު ބަލައި ދިރާސާކުރުމަށް ހާއްސަ ވަޒީރުން ހިމެނޭ ވަގުތީ ކެބިނެޓެކެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނީ އެއީ އެ މީހުންގެ ތެރޭގައި -- އިޒުރޭލުން ހިންގަން ތިބި ބައެއްގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ.
ނަތަންޔާހޫ ވޯ ކެބިނެޓް އުވާލެއްވީ އޭނާއަށް ދެން އިތުރު ގޮތެއް ނެތުމުން -- ގޮތް ހުސްވެ ވަޑައިގެން ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ ހަނގުރާމައާ ގުޅުން ހުރި ކަންތައްތައް ވޯ ކެބިނެޓުން ހަމަޖައްސާ ގޮތާ މެދު ނަތަންޔާހޫއަށް ކަންބޮޑުވުމެއް އޮތް ނަމަ، ކެބިނެޓް އުވާލެއްވިދާނެ ކަމަށެވެ.
ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާއިން ދެން މަޝްވަރާކުރާނީ ސީދާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ވޯ ކެބިނެޓް އުވާލައްވަން ނަތަންޔާހޫއަށް މަޖުބޫރުވެ ވަޑައިގެންނެވި ސަބަބެއް ކަމަށް ރިޕޯޓްތައް ބުނަނީ ވޯ ކެބިނެޓްގެ ދިފާއީ ވަޒީރު ބެނީ ގަންޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އިތަމާރު ބެންގަވީރު ޝައުގުވެރިވެ ވަޑައިގަތުމެވެ.
އިތަމާރު ބެންގަވީރަކީ ނަތަންޔޫގެ ރަސްމީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ނެޝަނަލް ސެކިއުރިޓީ ވަޒީރެވެ.
ނަތަންޔާހޫ ވޯ ކެބިނެޓް އުވާލެއްވީ އިތަމާރު ބެންގަވީރަށް ވޯ ކެބިނެޓްގެ ދިފާއީ ވަޒީރުކަން ދެއްވަން ބޭނުން ނުވާތީ ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.
ބެނީ ގަންޒް އެމެޖެންސީ ސަރުކާރުން ވަކިވެ ވަޑައިގެންނެވި ސަބަބެއް ކަމަށް ރިޕޯޓްތައް ބުނަނީ ޣައްޒާ ހަނގުރާމައިގެ މަފުހޫމު ގެއްލިފައިވުމެވެ.
ގަންޒް ވިދާޅުވި ގޮތުގައި ޣާއްޒާއަށް ސިފައިން ފޮނުވައިގެން ނަތަންޔާހޫ ކުރެއްވީ އޭނާގެ އަމިއްލަ ހަނގުރާމަ އެކެވެ. އެކަމުގެ ސަބަބުން އިޒުރޭލަށް ވާނެ ފައިދާނެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ނަތަންޔާހޫގެ ވިސްނުމަކީ ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނެވުން ކަމަށްވެސް ގަންޒް ވިދާޅުވި އެވެ.