އަތޮޅު ތެރެއަށް މަސައްކަތް ކުރުމަށް ގެންދާ ބިދޭސީން އެ މީހަކު ދާ ރަށެއްގެ ރަށު ކައުންސިލަކުން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ މިބަދަލާ އެކު އިތުރު ހުއްދައެއް ނަގަންޖެހުނު ނަމަވެސް އިތުރަށް ނަގާ ހުއްދައަށް އިތުރު ފީއެއް ނުނަގާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އިތުރަށް ނަގަންޖެހޭ ހުއްދަ އޮންލައިންކޮށް ނެގޭނެ ގޮތް ހަމަޖައްސާނެ އެވެ.
އަތޮޅު ތެރެއަށް މަސައްކަތް ކުރަން ގެންދާ ބިދޭސީން ކައުންސިލްތަކުން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތް ހެދީ
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
ރަށްރަށުގައި މަސައްކަތް ކުރަން ގެންދާ ބިދޭސީންގެ ދަފްތަރެއް ކައުންސިލްގައި އޮންނަންޖެހޭ ގޮތަށް އުސޫލުތައް ހެދިފައިވީ ނަމަވެސް މިއީ ކައުންސިލްތަކުން މާބޮޑު އިސްކަމެއް ދީގެން ތަންފީޒު ކުރާ ކަމެއް ނޫނެވެ.