އެމްޑީޕީ

ކުށްކުރުން އިތުރުވުމާ ނިމިދިޔަ ސަރުކާރާ ގުޅުމެއް ނެތް: އެމްޑީޕީ

މާލެ ސަރަހައްދުގައި ކުށްކުރުން ވަކިން ހާއްސަކޮށް ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ޖަލުން ދޫކޮށްލި ކުށްވެރިންތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ނޫހެއްގައި "މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން އިއްޔެ ލިޔުނު ލިޔުމެއްގެ ސުރުހީ ފުލުހުންގެ މީޑިއާ ގުރޫޕްގައި ހިއްސާކުރެއްވުމަށްފަހުު ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެއީ "ބަދުނަސީބު ހަގީގަތް" ކަމަށެވެ.

ޝިފާން ވިދާޅުވީ ވަގުންގެ ނެޓްވޯކެއްގެ އުދަނގޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 މީހެއްގެ ސަބަބުން ކަމަށެވެ.

ފުލުހުން ތުހުމަތު ދޮގުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ތަރުޖަމާން ދެއްކެވި ވާހަކަތަކަކީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހުން މިނިވަން ކުރުމުގައި އަމަލުކޮށްފައިވާނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ ތެރެއިން ކަމަށެވެ.

މިދިޔަ ސަރުކާރުގައި މިނިވަންކުރި މީހުންނަކީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހްލާގު ރަނގަޅު މީހުންނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ މީހުންގެ ތެރެއިން މުޖުތަމައަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެ ފަދަ މީހުން ފާހަގަކޮށް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން މިނިވަންކުރި މީހުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ޖަލުން މިނިވަންކޮށްފައިވާނީ މިނިވަންކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް މައާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައެޅުމަށްފަހު ކަމަށެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު މިސަރުކާރަށް އޮތްއިރު މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އަދި ބަންދު ނުކުރާތީ އެކަމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ހަމައެހެންމެ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އެ ކުށްވެރިން ދޫކޮށްފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމުގެ ތުހުމަތު އޮތްއިރު ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ވެސް ގޮވައިލަމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ކުށްކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒުކުރުމާއެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށްވާއިރު، ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.