މާފުށި ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ވެއްދުން މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި އެވެ.
ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މާފުށި ޖަލުގައި މިދިޔަ ހަފްތާ ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
މާފުށި ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުން ހުއްޓުވުމަށް އެކި މަސައްކަތްތައް ކަމާ ގުޅޭ އިދާރާތަކުން ކުރަމުން ދިޔަ ނަމަވެސް އޭގެ ނަތީޖާއެއް ނުފެނެ އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ މީހުންނަށް ގެއްލުން ދިނުމާއި ލަނޑު ދިނުމަށް ކުރަމުންދާ ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ ޖަލުން ކަމަށެވެ. އަދި ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް މާފުށި ޖަލުގެ ކޮންމެ ގޮޅިއެއްގައިހެން މަސްތުވާތަކެތި ގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.
"ހިތާމަވެރި ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާއި އެއްޗެހި ފެންނަމުންދޭ. މަސްތުވާތަކެތި އެބަފެނޭ. އަޅުގަނޑުމެން އެއަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން ދަނީ އަޅަންމުން. އެޕޯޝަން ހައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގައި ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގައި ބޭންކާއެކުގައި ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ޖަލުގައި ބެހެއްޓި މެޓަލް ޑިޓެކްޓަރުތަކާއި ބޮޑީ ސްކޭން މެޝިންގެ ސަބަބުން މާފުށި ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ވެއްދުން މަނާ ތަކެތި ވެއްދުން ވަރަށް ބޮޑަށް ހުއްޓުވިގެންދާނެ ކަމަށެވެ.