ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކެމްޕޭންގެ ތިންވަނަ މަހާސިންތާ މި މަހު 17 ގައި

ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ލީޑަރުން ތައްޔާރު ކުރަން ބާއްވާ މަހާސިންތާގެ ތިންވަނަ ބުރު މި މަހު ބާއްވަން ނިންމައިފި އެވެ. އެގޮތުން މަހާސިންތާގެ ތިންވަނަ ބުރު އޮންނާނީ މި މަހު 17، 18 އަދި 19 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

މި މަހާސިންތާއަކީ ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ގެ އިސް ނެންގެވުމަކަށް ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މީގެ ކުރިން މަހާސިންތާގެ ދެ ބުރެއް ބާއްވާފައި ވެއެވެ. ފުރަތަމަ ބުރުގައި ހއ. އާއި މ. އަތޮޅާ ދެމެދު ހުރި ރައްތަކުގެ ގޮފިތަކުގެ މަންދޫބުން ބައިވެރިވިއިރު ދެވަނަ ބުރުގައި ފ. އާއި އައްޑޫގެ ގޮފިތަކުން ބައިވެރިވި އެވެ. މަހާސިންތާގެ ތިންވަނަ ބުރުގައި ބައިވެރިވާނީ މާލޭގައި ތިބި ޕީޕީއެމްއަށް ނިސްބަތްވާ އަތޮޅުތަކުގެ ބޭފުޅުންނެވެ.

މެޑަމް ފާތުންގެ އޮފީހުން ބުނީ މަހާސިންތާގެ ތިންވަނަ ބުރު މި މަހުގައި ބޭއްވެމުމަށް ނިންމާފައިވާއިރު ތިންވަނަ ބުރު ބާއްވަނީ ބޮޑެތި ބަދަލުތަކަކާއެކު ކަމަށެވެ.

މަހާސިންތާގައި އޮންނާނީ ރައީސް ޔާމީންގެ 2018 ގެ ކެމްޕޭން ފެއްޓުމަށް ސްޓްރެޓެޖީތައް ރޭވުމާއި އެކަމުގައި ސަމާލުކަން ދޭނެ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ. މީގެ އިތުރުން ޕީޕީއެމް މެންބަރުންގެ އަދަދު އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެޑަމްގެ އިސްނެންގެވުމަށް މަހާސިންތާގެ ދެ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވީ ނަމަވެސް ތިންވަނަ ބުރު ބޭއްވުން ލަސްވެގެން ދިޔައީ ރައީސް ދަތުރުކުރެއްވި ލޯންޗްކޮޅަށް ދެވުނު ހަމަލާއާ ގުޅިގެންނެވެ.