ބޮލީވުޑް

"އެނިމަލް"ގެ ޑިރެކްޓަރުގެ ދިފާއުގައި ކްރިޝްނާ

މިއަހަރު ރިލީޒްކޮށްފައިވާ "އެނިމަލް"ގެ ޑިރެކްޓަރު ސަންދީޕް ދިފާއު ކުރުމަށް އެ ފިލްމުގައި ރަޝްމިކާ މަންޑަނާގެ މަންމަގެ ރޯލު ކުޅުނު އިންދިރާ ކްރިޝްނާ ވާހަކަދައްކައިފި އެވެ.

ކްރިޝްނާ ބުނީ "އެނިމަލް" ގައި ސަންދީޕާއެކު ކުރި މަސައްކަތުގެ ތަޖުރިބާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ކްރިޝްނާ މިހެން ބުނެފައިވަނީ ބޮލީވުޑްގެ ފިލްމީ ތަރި އާދިލް ހުސައިން، އެ ފިލްމު ކުޅުމަށް އޭނާއަށް 100-200 ކްރޯޑް ރުޕީސް ދިނަސް ނުކުޅޭނެ ކަމަށް ބުނުމުން އެކަމުގައި ވާހަކަދައްކަމުންނެވެ.

އާދިލްއަކީ ބޮލީވުޑްގައި ވަރަށް ގަދައަށް ހިނގި ފިލްމެއް ކަމަށްވާ "ކަބީރު ސިންގް" ގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ތަރިއެކެވެ. ގިނަ ބަޔަކު ވަނީ މި ފިލްމުގައި އާދިލް ކުޅުނު ރޯލަށް ފާޑު ކިޔާފަ އެވެ. އެއީ ޓޮކްސިކް މެސްކިއުލިނިޓީއާއި މިސްއޮޖިނީ ޕްރޮމޯޓް ކުރުމުން ކަމަށް ބުނެ އެވެ.

މިކަމާ މެދު ކްރިޝްނާ ބުނީ އާދިލްއަށް އޭނާ އިހުތިރާމުކުރާ ކަމަށާއި އޭނާއަކީ ރަނގަޅު އާޓިސްޓެއް ކަމަށެވެ. ނަމަވެސް ހިޔާލު ތަފާތު ވުމަކީ އެކްޓަރުންނާއި ޑިރެކްޓަރުންގެ އޮންނާނެ ކަމެއް ކަމަށާއި އެ ފިލްމު ނުކުޅުމާ މެދު ދެއްކި ވާހަކަތަކަކީ އާދިލް ދެކޭ ގޮތް ކަމަށެވެ.

"އެހެންނަމަވެސް އަހަރެން ސަންދީޕްއާ އެކު ކުރި ތަޖުރިބާއަކީ ތަފާތު ތަޖުރިބާއެއް. އަހަރެން އަހަރެންގެ ޑިރެކްޓަރާ މެދު ދެކެނީ އެގޮތަކަށް ނޫން،" ކްރިޝްނާ ބުންޏެވެ.

އާދިލްއަށް ރައްދު ދެމުން ކްރިޝްނާ ބުނީ އޭނާ ސަންދީޕްގެ މަސައްކަތްތަކަށް ތާއިދު ކުރާ ކަމަށާއި އެއީ ފިލްމެއް ބަލާއިރު، ޑިރެކްޓަރު ބުނަންއުޅޭ އެއްޗަކާ މެދު އަދި ކެރެކްޓަރުން ދައްކަން އުޅޭ ކަންކަމާމެދު ވަރަށް އޯޕަން ވާނެ ޖެހޭތީ ކަމަށެވެ.

ކަބީރް ސިންގް ކުޅުމަށްފަހު އާދިލް ވަނީ އެ ފިލްމު ނުކުޅެވުނު ނަމައޭ ހިތަށް އަރާ ކަމަށް ފަހުން ބުނެފަ އެވެ.