އިންޑިއާ

އިންޑިއާގެ އިންތިހާބު: ސިޔާސީ ލީޑަރުންނަށް ފިލާވަޅެއް

އިންޑިއާގައި މި މަހު 4 ވަނަ ދުވަހު ނިމިގެން ދިޔަ އެގައުމުގެ އާންމު އިންތިހާބަކީ ވިސްނާ ފިކުރުކުރާ ހަމަ ކޮންމެ ސިޔާސީ ލީޑަރަކަށް ރަގަޅު ފިލާވަޅެއް ދިން އިންތިހާބެކެވެ. އިންޑިއާގެ މިނިވަންކަމުގެ އެއް ބާނީ އަދި ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫގެ ވެރިކަމަށްފަހު އިންޑިއާގެ ތާރީހް ދެކެފައިވާ އެންމެ ގަދަފަދަ ބޮޑުވަޒީރަކީ މިހާރުގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ -- އިންޑިއާގައި މޯދީގެ ބޮޑުވަޒީރު ކަމުގެ ދެ ދައުރު ނިމި ތިންވަނަ ދައުރެއް މިވަނީ ފަށާފަ އެވެ. އިންޑިއާގެ ވޯޓުލެވޭ އާބާދީ ކަމުގައިވާ 964 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުންނަށް ފެނުނީ މޯދީ ނިސްބަތްވާ ބަހާރަތާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގައި ވެރިކަން ބޭއްވުމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބު ކުރެއްވުމަކީ އާދާއިގެ ކަމެއް ނޫނެވެ. އެކަމަކު ކުރީގެ ދެ ދައުރާއި ހިލާފަށް ކުރިއަށް އޮތް ފަސް އަހަރު މޯދީގެ ވެރިކަން ދެމެހެއްޓުމުގެ ބާރު މިވަނީ މޯދީގެ މުށުތެރެއިން ފުރޮޅިގެން އޭނާއާއި އިއްތިހާދުވި ބައިވެރިންގެ އަތްމައްޗަށް ގޮސްފަ އެވެ.

މިފަހަރުގެ އިންތިހާބަށް މޯދީގެ ބީޖޭޕީން ނިކުތީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެގޮތުން މި ފަހަރު ބީޖޭޕީއާއި އެޕާޓީއާ އިއްތިހާދު ވެގެން އިންތިހާބަށް ނުކުން ޕާޓީތަކުގެ ޝިއާރަކީ "އަބްކީ ބާރް، 400 ޕާރް" ނުވަތަ "މި ފަހަރު 400 އަށް ވުރެ މަތިން"ނެވެ.

މި ޝިއާރުގައި އެ އިޝާރާތް ކުރަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 545 ގޮނޑީގެ ތެރެއިން 400 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާނެ ވާހަކަ އެވެ. މިދިޔަ ދެ ދައުރުހެން، މި ފަރުވެސް ބިޖޭޕީ ބޭނުންވީ އެހެން އެއްވެސް ޕާޓީއެއްގެ އެހީތެރިކަމާއި ނުލާ މޯދީގެ ބީޖޭޕީއަށް މަޖިލީހުގެ އަގްލަބިއްޔަތު ހޯދުމެވެ. އަދި ބީޖޭޕީ އިސްވެ އޮވެ، ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި އިއްތިހާދުވެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބު ކުރުމެވެ. އެހެންނަމަވެސް ހައްދުފަހަނަ އެޅި ހިންދޫ، ހަރުކަށި، ވަތަނީ ވިސްނުން ގެންގުޅުއްވަމުން ގެންދަވާ މޯދީއަށް، 79.80 ޕަސަންޓް ހިންދޫއިން ދިރިއުޅޭ އިންޑިއާ އިން ބީޖޭޕީ އެދުނު ފަދަ ސުޕަ މެޖޯރިޓީއެއް ދޭން ފަސްޖެހުނީ ކީއްވެތޯ ބަލާލުން މުހިއްމެވެ.

މޯދީގެ ބޮޑާކަން އިންތިހާއަށް

މޯދީގެ ބޮޑާކަން ހައްދުން ނެއްޓި އެއީ ރަސްމަތިފުއް، ހިންދޫ ކަލެއް ކަމަށް ބައެއް މީހުން ލައްވާ ދައުވާ ކުރި އެވެ. އަދި ބައެއް ތަންދޮރު ނުދަންނަ މީހުން އެ މީހުންގެ ކަލާންގެ ރަމްޒުކޮށްދޭ ބުދުތައް ކައިރީ މޯދީގެ ފޮޓޯ ބަހައްޓަމުން ގެންދިޔަ އެވެ. މި ވިސްނުމަކީ ހައްދުފަހަނަ އެޅި ހިންދޫ ޖަމާތްތަކުން ގަސްދުގައި ފަތުރަމުންދާ ޕްރޮޕަގަންޑާ އެކެވެ.

މޯދީގެ ފޮޓޯ ނުވަތަ އަސްލު ހަމަ ލޮލަށް ފެނުމަކީ ބަރަކާތާއި ނަސީބަށް ހުޅުވޭ ދޮރެއް ކަމަށް ބައެއް މީހުން ލައްވާ ބުނުވަ އެވެ. އެހެންކަމުން މޯދީގެ ކެމްޕެއިން ރޯޑް ޝޯތަކަށް ނަސީބާއި ފަލާހަށް އެދި އެތައް ސަތޭކަ ހާސް ބަޔަކު ރަށްފުށު ހިސާބުން ދަތުރު ހަދާފައި ގޮސްފައިވެ އެވެ. މިފަދަ ނާތަހުޒީބު ވިސްނުން ތަކަކީ ހިންދޫއިންގެ ތެރޭ އުޅޭ ތަންދޮރު އޮޅުންފިލާ މީހުންނަށް ބަލަން އުދަގޫ މަންޒަރުތަކަކަށް ވިއެވެ. އަދި އެމީހުންގެ ނުރުހުން ވޯޓު ކަރުދާހުން ދެއްކި އެވެ.

މުސްލިމުންނާއި ކްރިސްޓިއަނުންގެ ވޯޓުތައް ގެއްލުން

މޯދީ އަކީ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ގަތުލްއާންމެއް ހިންގެވި ކަމުގެ ތުހުމަތުގައި ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރާފައިވާ ބެފުޅެކެވެ.

ބޮޑުވަޒީރު ކަމަށް މޯދީ ކުރިމަތި ލެއްވުމާއެކު އެންމެ ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރެވުނީ އިންޑިއާގައި ދިރިއުޅޭ 200 މިލިއަނެއްހާ މުސްލިމުންނަށެވެ. އެ ބިރުވެރިކަން ވީވެސް ހަގީގަތަކަށެވެ. މޯދީގެ ނިމިދިޔަ ދެ ދައުރަކީ އިންޑިއާގެ މުސްލިމުންނާއި އެގައުމުގައި ދިރިއުޅޭ ބައިމަދު އެހެން ދީންތަކުގެ މީހުންނަށްވެސް ވަރަށް ހިތްދަތި އެހާމެ އުނދަގޫ ދުވަސްތަކެކެވެ.

މޯދީގެ ހައްދުފަހަނަ އެޅި ހިންދޫ އަގީދާ އިސްކުރުމުގެ ސިޔާސަތުގެ ދަށުން އިންޑިއާގައި މުޅި އުމުރު ހޭދަކޮށްފައި ތިބި އެތައް ލައްކަ މުސްލިމުންގެ ރަށްވެހިކަން މޯދީގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރުގެ ތެރޭގައި ނިގުޅައިގެންފައިވެ އެވެ. އަދި އެމީހުން މަގުމަތި ކުރުމުގެ ސިޔާސަތު ސަބަބުން ޔުރަޕާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާތްތަކުން ދިޔައީ މޯދީގެ އެ ސިޔާސަތު ހުއްޓުވުމަށް ބޮޑެތި ކެމްޕޭންތައް ހިންގަމުންނެވެ.

މުސްލިމުންގެ ރަށްވެހިކަން ނިގުޅައިގަތުމާއި އެހެން ދީންތަކުގެ މީހުން އެކަހެރި ކުރުމަށް މޯދީއާއި ހައްދުފަހަނަ އެޅި ހިނދޫއިންގެ ޖަމާތްތަކުން ބޭނުންވާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް އިންޑިއާގެ ގާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހުން ވެގެން ދިޔައީ އެ ސިޔާސަތުތައް މިދިޔަ 10 އަހަރު ނުގެނެވުމުގެ އަސްލަށެވެ. އެހެންކަމުން ނިމިދިޔަ ކެމްޕެއިން މޯދީ އާއި ބީޖޭޕީން ފެށީ ގާނޫނުއަސާސީ ބަދަލުކުރެވޭނެ އަގުލަބިއްޔަތެއް ހޯދުމުގެ ނިޔަތު ގައެވެ. މޯދީ އާއި އެ މަނިކުފާނުގެ ބައިވެރިން ނުކުތީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 545 ގޮޑީގެ ތެރެއިން 400 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް, ގާނޫނުއަސާސީއަށް ބަދަ ގެނެވޭ ވަރުގެ ސުޕަ މެޖޯރިޓީއެއް ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް ހައްދުފަހަނަ އެޅި އެ ސިޔާސަތު ތަކުގެ ސަބަބުން ބީޖޭޕީއާއި ފޭވެގެން ދިޔަ އެތައް މިލިއަން ވޯޓަކާއި ހެދި މޯދީ ބެނުންވި އަދަދަށް ގޮނޑި ކާމިޔާބު ކުރުންވީ އުނދަގޫ ކަމަކަށެވެ.

ފައިސާއާއި މީޑިއާއިންވެސް ހިތްތައް އަނބުރާ ނުލެވުނު

ފައިސާއާއި މުދަލާއި ސަރުކާރު ވަސީލަތްތައް ބޭނުންކޮށްގެން ބޭނުންވާ އަދަދަށް ގޮޑި ހޯދޭނެނަމަ އެކަން މިފަހަރު މޯދީގެ ބީޖޭޕީއަށް ކުރެވުނީހެވެ. ގިނަ މީހުންނަށް ހީވެފަ އޮތީވެސް މީޑީއާ އާއި ފައިސާ ބޭނުންކޮށްގެން މޯދީ ބޮޑު އަގުލަބިއްޔަތެއް ހޯދާނެ ކަމަށެވެ. އިންޑިއާގެ ބޮޑެތި މަހުޖަނުންނާއި މެދު ފަންތީގެ ހުރިހާ ވިޔަފާރިތަކެއް ހެން ހުރީ މޯދީގެ މުށު ތެރޭގައޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ފައިސާއާއި މުދަލުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މޯދީއާ އެކު ތިބި ވިޔަފާރިވެރިންވެސް ތިބީ ތައްޔާރަށެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީ އޮތީ މާލީ ގޮތުން ވަރަށް ނިކަމެތި ހާލެއް ގައެވެ. އިންތިހާބަށް ހަރަދު ކުރާނެ ފައިސާއެއް ނެތެވެ. ޕާޓީގެ އެކައުންޓް އޮތީ ޓެކްސްގެ ގާނޫނާއި ހިލާފްވި ކަމަށް ބުނެ ފްރީޒްކޮށްފަ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގަންދީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއީ ސަރުކާރު ރޭވުމެއްގެ ތެރެއިން އިދިކޮޅު ފާޓީގެ ކެމްޕޭން ހީނަރުކޮށްލުމުގެ ނިޔަތުގައި ހިންގައިގެން އުޅޭ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށެވެ. ކެމްޕޭންގައި މޯދީއައި ބީޖެޕީގެ ބައިވެރިން ފައިސާ އޮއްސަމުން ދިޔައިރު އިދިކޮޅު ކޮންގްރެސް ޕާޓީއާއި އެ ޕާޓީގެ ބައިވެރިން ދިޔައީ ކަށިން ހިތްވަރުކޮށް ގަދަ ހޫނުގައި ފައިމަގުގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

މޯދީގެ ކެމްޕޭން ރޯޑް ޝޯ ތަކުގައި ފެންނަމުން ދިޔައީ އަގު ބޮޑު އުޅަނދުތަކުގައި ރޭވުންތެރިކަމާއި އެކު ޒީނަތްތެރި ކުރެވިފައިވާ މަގުތަކުގައި މޯދީ ބޮޑާކަމާ އެކު ކެމްޕޭން ކުރައްވަމުން ގެންދެވި މަންޒަރެވެ. މޯދީގެ ގަދަރާއި ހައިބަތުގެ މޮޅުކަން ރަމްޒުކޮށްދޭ ބޮޑެތި ފޮޓޯތަކުން އިންޑިއާގެ މަގުތައް ވަނީ ފުރާލާފަ އެވެ.

ރަށުތެރެއާއި މަގުތައް އެކަންޏެއް ނޫނެވެ. ނޫސްތަކާއި ޓީވާ ޗެނެލްތައްވެސް ހަމަ އެގޮތެވެ. އިންޑިއާގެ ނޫސްތަކާއި ޓީވީ ތަކަކީ މޯދީގެ ކެމްޕޭން ތަރުޖަމާނުން ކަހަލަ އެވެ. އިދިކޮޅު އެއްވެސް ހަބަރެއް ނުގެންނަތާ އިދިކޮޅު ކޮންގްރެސް އާއި ދެކޮޅަށް އެންޓި ކެމްޕޭން ކުރުން އޮތީ އޭރު މެކުހަށް ޖަހާފަ އެވެ.

ބީޖޭޕީއަށް ތާއީދު ނުކުރާ މީޑިއާއެއް ނަމަ އޮތީ ބަހެއް ނުބުނެ ހިމޭނުން ތިބުމެވެ. އެކަމަކު އިދިކޮޅު ކޮންގްރެސްގެ ހަބަރެއް ގެނައުމުގެ ހިއްވަރެއް ނެތެވެ. މޯދީއަށް ތާއީދު ނުކުރާ މީޑިއާތައް އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިދިކޮޅު ކޮންގްރެސް އެމީހުންގެ ކެމްޕޭން ހިންގަމުން ގެންދިޔައީ ސޯސަލް މީޑިއާ ގާއެވެ. ރައްޔިތުންނަށް މެސެޖު ދެމުން ގެންދިޔައީ ފޭސްބުކާއި އެކްސް އަދި އިންސްޓަގްރާމާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެނެވެ.

އެކަމަމު މުދަލާއި ފައިސާއިން ވެސް މޯދީ ބޭނުންވި ނަތިޖާއެއްނު ނެރެވުނެވެ. ނޫސްތަކާއި މީޑިއާތައް އަޅުވެތިކޮށްގެން ހިންގި ޕްރޮޕެގަންޑާއިން ބީޖޭޕީ އަދި މޯދީ އުއްމީދު ކުރި ވަރުގެ ނަތީޖާއެއް ނުލިބުނެވެ.