ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އާ ބެންޗުން ސައްމާހުގެ މައްސަލަ ބަލައި ނިންމައިފި

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ، ދޭލިޔާގޭ، މޫސާ އަހްމަދު (19 އ) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހު އަހްމަދު ފަތުހީގެ ބަންދާ ގުޅޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފި އެވެ.

މޫސައަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހުގެ ބަންދާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނު މިއީ ދެވަނަ ފަހަރެވެ. މި މައްސަލަ ދައުލަތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅީ، ސައްމާހް ބަންދުކުރަން ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު ދެވަނަ ފަހަރަށް ދެކޮޅު ހެދުމުންނެވެ. ހައިކޯޓުން ސައްމާހް ބަންދުކުރަން ދެވަނަ ފަހަރު ދެކޮޅު ހެދިއިރު، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން އެންމެ ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ބާތިލްކޮށްފަ އެވެ.

ސައްމާހުގެ މައްސަލައިގެ އަޑުއެހުންތައް ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދިޔަ ޝަރީއަތަކަށްފަހު މިއަދު ނިންމާލިއިރު، މި މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ބަލަނީ ކުރިން ބެލި ބެންޗަކުން ނޫނެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، އަޒްމިރާލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދެވެ. މި މައްސަލަ ކުރިން ދައުލަތުން ހުށަހެޅުމުން ބެލި ބެންޗްގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ސައްމާހުއާ ގުޅޭގޮތުން ހައިކޯޓުން ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް އެ ނިންމުން އަލުން މުރާޖައާކުރަން ހައިކޯޓަށް އެންގީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ނިންމުމުގައި ސުޕްރީމް ކޯޓުން ހައިކޯޓަށް އަމުރުކޮށްފައިވަނީ އެ ކޯޓުން އެ މައްސަލައިގައި ރިއާޔަތް ކުރި ކަންކަމުގެ އަލީގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރާ އެކު ސައްމާހް ބަންދުކޮށް، ބަންދާ މެދު އޭރު ނިންމި ނިންމުން އަލުން ބަލަން ހައިކޯޓަށް އެންގި މުއްދަތާ ގުޅޭ އަމުރާ ގުޅޭ ގޮތުންވެސް އެކިއެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެހެން އެކަން ވުމަށްފަހު، ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު އަނެއްކާވެސް ނިންމީ ސައްމާހު ބަންދުކުރަން ނުފެންނަ ކަމަށެވެ. ހައިކޯޓުން މިގޮތަށް ދެވަނަ ފަހަރު އެކަމަކު ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސައްމާހް ބަންދު ކުރަން ނުފެންނަ ކަމަށް ކުރިން ރައުޔު ދެއްވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، އެ ފަނޑިޔާރު ކުރިން ދެއްވި ރައުޔު ބަދަލުކޮށް ސައްމާހް ބަންދުކުރަންޖެހޭ ކަމަށް މިދިޔަ މެއި 29 ވަނަ ދުވަހު ނިންމަވާފަ އެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ފެނިވަޑައިގަތީ ކުރިއެކޭވެސް އެއްގޮތަށް ސައްމާހް ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިންގެ ރައުޔެވެ.

މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.