ހުޅުމާލެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެއަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ.

މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ މިއަދު ހަވީރު އެވެ.

އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިއިރު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށްވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.

"ވީމާ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ،" އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެ އެވެ.