ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ހުސްގޮނޑި ދައްކަވައިގެން ކަމަށާއި ހުސްގޮނޑީގެ ސިހުރާއި ޖާދޫ އަދިވެސް ވަރަށް ގަދަވާނެ ކަމަށް ކުރީގެ ރައީސް އަދި އަބްދުﷲ ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެެވެ.
ޕީއެންއެފްގެ އޮފީހުގައި މިރޭ ނޫސްވެރިންނަށްވެސް ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލު ހުކުމެއްގައި ހުންނަވައިގެން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތް ޕީޕީއެމް އާއި ޕީއެންސީގެ ބޭފުޅުންނަށް ސާފުކޮށްދެއްވާ އެކަން ހަނދާންކޮށްދެއްވާފަ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ގޮތްވުމުން އެމަނިކުފާނު ފުރަތަމަ މަސައްކަތް ކުރެއްވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ކަމަށާއި އެކަމަކު ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން އެގޮތް ގަބޫލު ނުކުރެއްވުމުން ރައީސް ޔާމީން ދެން މަސައްކަތް ކުރެއްވީ ރައީސް މުއިއްޒު ނޫން އެހެން ބޭފުޅަކަށް ތާއީދު ކުރެއްވުމަށް ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ ރައީސް ޔާމީން ވަނީ އެކަން ހިނގާ ދިޔަ ގޮތް ވިދާޅުވެ ދެއްވާފަ އެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ފިޔަވާ އެއްވެސް ބޭފުޅަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މުޅި އާއިލާވެސް ރައީސް މުއިއްޒު އިންތިހާބު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ރިޔާސީ އިންތިހާބަށް ޕީޕީއެމް ޕީއެންސީ އިން ކެންޑިޑޭޓަކު ކަނޑައަޅަން ތައްޔާރުވި ވަގުތު އެމަނިކުފާނު ދެއްވީ ތިން އިހްތިޔާރެއް ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް މުއިއްޒަކީ އެގޮތަށް ދެއްވި އިހްތިޔާރެއްގެ ތެރެއިން ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ވަޑައިގެން ޓިކެޓް ހޯއްދެވި ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މުއިއްޒު ޕީއެންސީގެ ޓިކެޓް ހޯއްދެވިއިރު އެ ޓިކެޓަށް ޝައުގުވެރިވާ ހަތަރު ވަރަކަށް ބޭފުޅުން ތިއްބެވި ކަމަށެވެ. އެހެންވެ އެ ބޭފުޅުންގެ މެދުގައި އޭރު އޮތް ވާދަވެރިކަމާއި ހަމަނުޖެހުން މިއަދުވެސް އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
"އެބޭފުޅުން [ޕީއެންސީ]ގެ ހުރިހާ ރިހުންތައް އަޅުގަނޑު ބަރުދާސްތު ކުރަންވީ ކީއްވެ؟ އަދިވެސް އެއީކީ އެއްގަލަށް އަރައިގެން ހުރިހާ ކަމެއް ފަސޭހަވެ ފާރު ފަސޭހަވެގެން ތިބި ބައެއް ނޫނޭ. އެކޯޅުން އެމީހުންގެ ތެރޭގައި އަދިވެސް އެބައޮތް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނު ޖަލު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރި ދުވަހު އެތަނުން ޕީޕީއެމްގެ އޭރުގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލްއާ ދިމާވެގެން މުއިއްޒުގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރަނީ ކޮން ބޭފުޅެއްތޯ އެއްސެވި ކަމަށެވެ. ތޮލާލް ނަމެއް ވިދާޅުވުމުން އެ ބޭފުޅަކު އިހްތިޔާރު ކުރައްވައިފިނަމަ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި އިތުރަށް ހޯއްދެވޭނެ ވޯޓެއް ނޯންނާނެ ކަމަށް ދެންނެވި ކަމުގައި ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މަޖިލިސް މެންބަރު އަދި މިހާރުގެ ނައިބް ރައީސް ހަމަޖެއްސެވުމަށް މުއިއްޒަށް ލަފާ ދެއްވަން ދެންނެވި ކަމުގައި ވިދާޅުވި އެވެ. އަދި އެ ނަން ގަބޫލުނުކުރައްވައިފިނަމަ ތ. ގުރައިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރަނިންމޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރެއްވުމަށްވެސް ދެންނެވި ކަމުގައި ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް، އެމަނިކުފާނުގެ ގެއަށް ގެންނަވާ ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު އޭރު ޖަލުގައި ހުންނަވައިގެން ހިއްސާކުރެއްވެން އޮތް ގޮތަކަށް ހިއްސާކުރެއްވި ކަމަށެވެ. އޭގެފަހުގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ކޮންމެ ވާހަކައެއް ވިދާޅުވި ނަމަވެސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ ހުސްގޮނޑީގެ ޖާދުލުގައި ކަމަށެވެ.
"އަދިވެސް ގަބޫލުކުރަންޖެހޭ ދެއްތޯ އެއްކަލަ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ކީއްވެގެންތޯ އެކަން ހަނދާން ނެތިގެން މިއުޅެނީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނުލިބުނީ ހުސްގޮނޑިތަކުގެ ވާހަކަދައްކާނެ ކަމެއް ނެތް. އާދެވުނީ ހުސްގޮނޑީގެ ބޭނުމުގައި. އެ ޖާދުލުގައި. އެ މަސްތުގައި އައީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ގިނަ ގޮނޑި ލިބުނީ ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައިވާތީ އާއި ސަރުކާރުގެ ވަސީލަތްތައް ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބޭނުންކޮށްފައިވާތީ ކަމަށެވެ. ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންއެފްއާ އެކު މަސައްކަތް ކުރަމުން ދިޔަ 40 އަށް ވުރެ ގިނަ ބޭފުޅުން އިންތިހާބުގައި ވާދަކުރި ނަމަވެސް ކެމްޕޭނަށް ހޯދުނީ ހަތް މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން 120 މިލިއަން ކެމްޕޭނަށް ހަރަދު ކުރި ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ކުރިމަގާ ގުޅޭގޮތުންވެސް ޔާމީން މިރޭ ވަނީ ކޮންމެވެސް ވަރަކަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ މިވަގުތު އިސްކަންދެނީ ކުދި ކުދި ބައިއިލެކްޝަންތަކަށް އެ ޕާޓީން ކެންޑިޑޭޓުން ނެރުމުގެ ބަދަލުގައި ޕާޓީގެ ހިންގުން ރަނގަޅުކޮށް ޕާޓީ ވަރުދަކުރަން ކަމަށެވެ.