މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަމިއްލަ މުދަލުން ޑިއުޓީ މައާފްވާ އަަދަދު 10000 ރުފިޔާއަށް ބަދަލުކޮށްފި

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ މީހުން ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފްވާ މިންވަރު 10،000 ރުފިޔާ އަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަކެތިންް ޑިއުޓީ މައާފުކޮށް މުދާ ދޫކުރާ އުސޫލަށް ގެނެވެުނު މި އިސްލާހަށް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އަމަލުކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.

އަމިއްލަ ބޭނުންތަކަށާއި ދަތުރުވެރިން ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރާ އަދަދަކީ ކުރީގައި 6،000 ރުފިޔާ އެވެ. ޑިއުޓީ މައާފުކުރާ އަދަދަށް ބަދަލު އައިނަމަވެސް ބައެއް މުދާ މީގެ ތެރޭގައި ނުހިމެނެ އެވެ.

މި ގޮތުން ދުންފަތާއި، ނިކޮޓިން އެކުލެވޭ ބާވަތްތަކާއި، އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލޭވާޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި، ޑިއުޓީގެ އިނާޔަތް ދިނުމުން އިސްތިސްނާވާނެ އެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ގޮތުގައި ގިންތިކުރެވޭ ތަކެއްޗާއި، އެނާޖީ ޑްރިންކް، މޮޓޯސައިކަލާއި އޮޓޯސައިކަލް، އެއްގަމުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު؛ ކަނޑުގައި ދުއްވާ އުޅަނދުފަހަރު އަދި އެ ތަކެތީގެ ސްޕެއާ ޕާޓްސްވެސް ހިމެނެ ހިމެނެނީ މިއުސޫލުގެ ދަށުން ޑިއުޓީ މައާފް ނުކުރެވޭ ތަކެތީގެ ތެރޭގަ އެވެ.

އިސްތިސްނާވާ ތަކެތީގެ ތެރޭގައި ގެންނަ ޝިޕްމެންޓްގައި ހިމެނޭ ތަކެއްޗަކީ ޑިއުޓީ އިނާޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައ،ި އަމިއްލަ ބޭނުން ފިޔަވައި އެހެން ގޮތްގޮތަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަކެތި ބޭނުންކުރާ ފަރާތެއް ކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވޭ ފަރާތްތަކުން ގެންނަ ތަކެތި ވެސް މިއުސޫލުގެ ދަށުން ޑިއުޓީ މައާފް ނުކުރެވޭ ތަކެތީގެ ތެރޭގައި ހިމެނެ އެވެ.


މީގެއިތުރުން 10000 ރުފިޔާއަށްވުރެ ކުޑަ ނަމަވެސް މުދަލުގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ގެނެވޭ ތަކެތި ކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެތިވެސް ޑިއުޓީގެ އިނާޔަތް ދިނުމުން އިސްތިސްނާވާނެ ކަމަށް ކަސްޓަމްސްގެ އުސޫލުގައިވެ އެވެ.