ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ ޖުލައި 8ގައި ރަޝިއާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު -- ޖުލައި އަށެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ. ޖުލައި އަށަކަށް ދަތުރު ހަމަޖެހިފައި އޮތަސް ރިޕޯޓްތައް ބުނާ ގޮތުން ތާރީހަށް ބަދަލު އަތުވެދާނެ އެވެ.

ނަރެންދުރަ މޯދީ އެންމެ ފަހުން ރަޝިއާއަށް ދަތުރެއް ކުރެއްވީ 2019 ގައެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުން ބުނި ގޮތުން މޯދީގެ ދަތުރަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތު ގުރޫޕްތަކުން މިހާރު ދަނީ މަސްވަރާކުރަމުންނެވެ. ދަތުރު އޮންނަ ދުވަހާއި ރަސްމިއްޔާތު ކުރިއަށް ދާނެ ގޮތް ކުރިއާލައި އިއުލާންކުރާނެ ކަމަށްވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޯދީ ރަޝިއާއަށް ކުރައްވާނީ އެއް ދުވަހުގެ ދަތުރެކެވެ. މި ދަތުރުގެ ބޭނުމެއް ކަމަށް އަދި އެނގިފައި އޮތީ ދުނިޔޭގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ ދެ ގައުމުގެ އެންމެ އިސް ލީޑަރުން މަޝްވަރާކުރެއްވުމެވެ.

ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ ބާރުތައް ބެހި ވަކި ގައުމެއްގެ އަތުގައި ހުރިހާ ބާރުތައް އޮތް ޒަމާން ގޮސްފައި ވާތީ ބާރުތައް ތަރުތީބުކުރުމާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ ކަމަށް ވެއެވެ.

އިންޑިއާއާ ރަޝިއާ އަކީ އިގުތިސާދީ އަދި އަސްކަރީ ދެ އެކުވެރިންނެވެ. ރަޝިއާގައި އުފައްދާ ހަތިޔާރާއި އަސްކަރީ އާލާތްތައް އިންޑިއާގެ އަސްކަރިއްޔާގައި ވަރަށް ގިނައިން ބޭނުންކުރެ އެވެ. އަދި ރަޝިއާގެ އެހީތެރިކަމާ އެކު އިންޑިއާގައި ހަތިޔާރާއި ފައިޓަރު ޖެޓު އުފެެއްދުމުގެ މަޝްވަރާތަކެއްވެސް ދަނީ ކުރިއަށެވެ.

މޯދީގެ މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކޮށް އިގުތިސާދީ އާ ކުރިތަކެއް ފަޅުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ތިންވަނަ ދައުރަކަށް ލިބަވަޑައިގަތުމާ ގުޅިގެން މޯދީގެ މިސްރާބު މިހާރު ހުރީ ބޭރު ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް އިންޑިއާއަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި މޯދީގެ މި ދައުރުގައި އިންޑިއާގެ ސިޔާސަތަށް ތަފާތު އަދި އެކުވެރި ބަދަލުތަކެއް ގެންނާނެ އެވެ.