ރާއްޖޭގެ ދަރަނީ ހާލަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ މުޅިން ހަގީގަތާ ހިލާފު ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކަތަކުގައި އޮޅުވާލުން ހިމެނޭ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ހަދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 2023 ވަނަަ އަހަރު ނިމުނުއިރު 40 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި މި ފައިސާގެ ބޮޑު ބައި ހުންނާނީ ކޮމާޝަލް ބޭންކުތަކުގައި އިންވެސްޓް ކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.
"ކޮންމެހެން ބޭނުމެއް ނުވޭ ދެއްތޯ އެ ފައިސާ ގެނެސް އަމިއްލަ ޖީބުގައި ބަހައްޓާކަށް. ކުރިމާތިގައި ފެންނަން ބަހައްޓާކަށް. އޭގެން އިތުރުން އާމްދަނީއެއް ލިބޭތޯ މަސައްކަތް ކުރަން ޖެހޭނީ،" ސޯލިހް ވިދާޅުވި އެވެ.
ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށް ޑޮލަރު ބޭނުންކޮށްފައިވާތީ އެސްޑީއެފްގައި ހުންނަންޖެހޭ އަދަދާ ގާތަށްވެސް ފައިސާ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައީސް ސޯލިހް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔައިރު އެސްޑީއެފްގައި ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމިގެން ދާއިރު އެ ފަންޑުގައި ޖުމްލަ 600 މިލިއަން ޑޮލަރު ބެހެއްޓުމަށް އެމްޑީޕީގެ ސަރުކާރުން އަމާޒެއް ކަނޑައެޅި ކަމަށާއި އެކަން ހާސިލްކުރުމަށް ޕްލޭން ކޮށްފައި އޮތް ގޮތަށް މަސައްކަތް ކޮށްފިނަމަ އެކަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެސްޑީއެފްއަށް ވަންނަ ފައިސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ފަތުރުވެރިންގެ އަތުން ނަގާ ފީ އެކެވެ. އެސްޑީއެފް އަށް ނަގާ ފީގެ އަދަދު ވަނީ 2021 ވަނަ އަހަރު ބޮޑުވެސް ކޮށްފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް 19އާ ކުރިމަތިވުމުން އެސްޑީއެފްއަށް ޑޮލަރުން ފައިސާ ޖަމާކުރަން ދަތިވި ކަމަށާއި ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން އެ ފަންޑަށް ފައިސާ ޖަމާކުރަމުން ދިޔައީ ޑޮލަރުން ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ހަރަދުތައް ބޮޑު ކަމަށް ފާހަގަކުރައްވާ ސޯލިހް ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައްވާފަ އެވެ. ހަމައެކަނި ރިކަރަންޓް ހަރަދަށް ދައުލަތުގެ ބަޖެޓުން 650 މިލިއަން ރުފިޔާ ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ހޭދަ ކޮށްފައިވާ ކަމަށާއި މީގެތެރެއިން ބޮޑު ބައެއް ހޭދަކުރީ ސިޔާސީ ބޭފުޅުންގެ މުސާރައަށް ކަމަށްވެސް ވިދާޅުވި އެވެ.
"މިކަން ހައްލު ކުރުމަށް ސިޔާސީ މަގާމުތައް މަދުކޮށް، މިފަދަ ހަރަދުކުރުން ހުއްޓާލަންޖެހޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތަކީ އިގްތިސާދީ ގޮތުން ދަތި އަދި ތަދު ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މިވަގުތަށް އާ މަޝްރޫއުތައް ފެށުމުގެ ބަދަލުގައި އެމްޑީޕީގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ސަރުކާރު ނިމެން ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށް މަސް ކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރުމަށްފަހު އެ އަދަދަށް މަސް ގަނެ މަސްވެރިންނަށް އެމްޑީޕީގެ ސަރުކާރުން ފައިސާ ދީފައި ނުވާ ކަމަށް ބުނެ މިސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލައިގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ފުރަތަމަ ވެރިކަމާ ހަވާލުވިއިރު އޭރު ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އޭރުވެސް މަހުގެ އަގު ބޮޑުކޮށްފައި ކަމަށެވެ. އަދި ތިން، ހަތަރު ވަރަކަށް މަސް ވަންދެން މަސްވެރިންނަށް ފައިސާ ނުދީ އޭރުވެސް ތިބެންޖެހުނު ކމަަށާއި މިއަދުވެސް މަސްވެރިންނަށް ކުރިމަތިވެފައިވަނީ އެފަދަ ހާލަތެއް ކަމުގައި ވިދާޅުވި އެވެ.
"މިއީ ސަރުކާރެއް ހިނގަމުންދާއިރު ހުންނާނެ ކަންކަން، ކޮންޓިނިއުޓީ އެއް އެ އަންނަނީ،" ސާލިހު ވިދާޅުވިއެވެ.