ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް މަޖިލީހަށް

ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކުރުމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް މިބިލް ހުށަހަޅުއްވާފައިވަނީ އިތުރަށް ފައިސާ ޗާޕް ކުރަން މަގުފަހިވާ ގޮތަށް، މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ހުށަހަޅާ ގާނޫނެއްގެ ގޮތުގައެވެ.

މި ބިލް މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކުރުމެވެ.

ނަސީމު ހުށަހެޅުއްވި ބިލްގެ ހަވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރަން، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ނެގޭނީ ތިން އަހަރަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ސަރުކާރަށް އެމްއެމްއޭ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ފިސްކަލް ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުމަކީވެސް ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓަޖެނެރޭޝަން އިކުއިޓީ ގާއިމުކުރެވޭނެ ފަދައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެ އެވެ.

މި ބިލްގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް ދައުލަތުގެ ފިސްކަލް ޕޮލިސީ އެކުލަވާލައި ހިންގުމާއި ދައުލަތުގެ ފިސްކަލް ނިޒާމުގެ ކަންކަން ހިންގުމުގައި އިސްކަންދޭނީ މި ގާނޫނަށެވެ.

މި ގާނޫނު ހިނގާނެ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ އޮފީސްތަކާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ނުވަތަ ގާއިމުކޮށްފައިވާ ޓްރަސްޓް ފަންޑުތަކާއި ދައުލަތުގެ އޮފީހަކުން ހިންގަމުންދާ އެނޫންވެސް އެފަދަ ފަންޑުތައް ހިމެނެ އެވެ. ނަމަވެސް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ޕެންޝަން ފަންޑުގެ މައްޗަށް މި ގާނޫނު ނުހިނގާނެ ކަމަށް ބިލްގައިވެ އެވެ.