އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ.
ޝަމްނާޒް ހައްޔަރުކުރި ވަކި ދުވަހެއް އެނގިފައެއްް ނުވެ އެވެ. ނަމަވެސް ޝަމްނާޒު މިވަގުތު ބަންދުގައި ހުރީ އޭނާއަށް ކުރެވޭ ތުހުމަތާ ގުޅިގެން ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޝަމްނާޒް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގެ އިސް މަގާމަކަށެވެ.
ނަމަވެސް މީގެ މަސްތަކެއް ކުރިން ޝަމްނާޒް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވާފަ އެވެ.
ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ. ނަމަވެސް ރަމީޒުވެސް މިހާރު ހުންނެވީ ރައީސްއާ ކައިރި ނުވެވޭ ގޮތަށް ދުރުކޮށްލާފަ އެވެ. އެހެންވެ ރައީސްއާ އެކު ރަމީޒު ނުފެންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ އެވެ.
ޝަމްނާޒް ހައްޔަރުކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ އިދާރާ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.