އެންޑީއޭ

މަސްތުވެގެން ހުރި މީހަކު އެންޑީއޭގެ ތަކެއްޗަށް ގެއްލުން ދީފި

މަސްތުވެގެން ހުރި މީހަކު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ތަކެއްޗަށް ގެއްލުން ދީފި އެވެ.

ނެޝަނަލް ޑްރަގް އެޖެންސީއަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެ ސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާ އެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތްކުރުން ހިމެނެ އެވެ.

އެންޑީއޭގެ ތަކެއްޗަށް ގެއްލުން ދިނީ ގ. ބޮޑުފެންވަޅުގޭ، ހުސައިން އިހްސާން މުސްތަފާ އެވެ.

އޭނާއަކީ އުމުރުން 43 އަހަރުގެ މީހެކެވެ. ފުލުހުން ވަނީ މިހާރު އެ މީހާ ހައްޔަރުކޮށްފަ އެވެ.

ހުސައިން އިހްސާން މުސްތަފާގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ފުލުހުން ކުރާއިރު، ބުދަ ދުވަހު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވެ އެވެ.