ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ޖަޕާނާ ގުޅިގެން ކޮންމެ ރަށަކަށް ފެން ހިންދާ ސާމާނު ހޯދަނީ

ރާއްޖޭގެ ހުރިހާ ރަށަކަށް ފެން ހިންދާ ޕަމްޕް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްއެންޑީއޭ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެމްއެންޑީއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހުސައިން ވިދާޅުވީ ޕަމްޕް ދޫކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޖަޕާން ސަރުކާރާ ގުޅިގެން ކަމަށެވެ.

ހިސާން ވިދާޅުވީ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް 60 މިލިއަން ޔެން ހަރަދުކުރާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކެކޭ އެއްގޮތަށް މާލެއަށް ފެން ހިންދުމަށް ބޭނުންވާ ސާމާނު ބޭނުންވާތީ މާލެ މިމަޝްރޫއުގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިތަކެތި އަޅުގަނޑުމެންނަށް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް މިހާރު ވަނީ އަންގާފައި،" ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަޝްރޫއުގެ ތެރެއިން 40 ފަޔަ ފައިޓިން ޕަމްޕާއި ހަތަރު ފަޔަ ފައިޓިން ވެހިކަލް ވެސް ހަމަޖެހޭނެ ކަމަށެވެ. މިތަކެއްޗަކީ އަލިފާނުގެ ހާދިސާތައް ހިނގާ ވަގުތު އެކަމުގައި ބޭނުންކުރާނެ ތަކެތި ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި ހިސާން ވަނީ އެމްއެންޑީއޭއަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ.