މާފަންނު މަދަރުސާގެ ބިއްދޮށުން އޮތް "ފަލަސްތީނު ހިނގުން" ކިޔުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭގައި ނަން ނުދީ އޮތް މަގަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހެޅީ މިދިޔަ މެއި 24 ވަަނަ ދުވަހު އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މާފަންނު މަދަރުސާ އުތުރުން އޮންނަ އަދި ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަ މަގުގެ ނަމަކީ "ފަލަސްތީން ހިނގުން" ގޮތުގައި ހަމަޖައްސަން ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކުރި މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ފަލަސްތީން ހިންގުން ނަން ދީފައިވާ މަގަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތުގައި ރަސްފަންނަށް ވާގޮތަށް ލަގްޒަރީ އެޕާޓްމަންޓްތަކެއް އެޅުމަށް މަޝްރޫއެއް ފެށުމުގެ ގޮތުން ބަންދުކުރި މަގެކެވެ. ނަމަވެސް އެ މަގު އަލުން ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފަ އެވެ. އެކަމަކު މިމަގު ރަސްމީކޮށް ހުޅުވާނެ ވަކި ދުވަހެއް މާލެ ސިޓީ ކައުންސިލުން އަދި ބުނެފައެއް ނުވެ އެވެ.
ފަލަސްތީނަށް ނިސްބަތްކޮށް މާލޭގެ މަގަކަށް ނަން ކިޔުމަށް މާލޭގެ މޭޔަރު ހުށަހެޅުއްވުމާ ގުޅިގެން ސޯޝަލްމީޑިއާގައި އާންމުން ވަނީ އެކަމަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ. އެކަމަކު ބައެއް މީހުންގެ ވިސްނުމަކީ މާލޭގެ ބޮޑު މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަން ދިނުމެވެ. މިވިސްނުމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުވެސް ހިމެނެ އެވެ.