ހުޅުމާލެ

ހުޅުމާލެ 2ގައި ލަގްޒަރީ ވިލާތަކެއް ހެދުމުގެ މަސައްކަތް ފަށައިފި

މުއްސަނދިން ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް"ގެ ނަމުގައި ހެދުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރިމިއަމް ވިލާތަކުގެ ބިޔަ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިމަޝްރޫއަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ކަންމަތިން 19،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހުސްކޮށްފައިވާއިރު ތިން އަހަރުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމަންޖެހެ އެވެ.

ޕްރިމިއަމް ވިލާތަކުގައި ހުންނާނެ ތަންތަނާއި ހިދުމަތްތައް

  • ރެކްރިއޭޝަން ސެންޓަރު
  • ޕްރައިވެޓް ނެއިބަހުޑް
  • ގާޑްރޫމް
  • ޕޫލް ހައުސް،
  • މަލްޓި ޕަޕޮސް އިވެންޓް ހޯލް
  • ވެލްނެސް ސެންޓަރު
  • ޕޮލިސް ޕޯސްޓް،
  • ލެޕް ޕޫލް
  • ސެމީ ގާޑެޑް ސެކުއިރިޓީ
  • ކޮމާޝަލް ކޮމްޕްލެކްސް
  • ރެސިޑެންޓް ބަގީޗާ
  • ކްލަބް ހައުސް

މިމަޝްރޫއުގެ ދަށުން ތިން ބާވަތެއްގެ ގެދޮރު އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓާއި ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނޮވެމްބަރު 13، 2022 ގައި ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ މިމަޝްރޫއުގެ މަސައްކަތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެޗްޑީސީ އިން މިއަދު ބުނީ މިމަޝްރޫއު ނިމުމާ އެކު ޖުމްލަކޮށް ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ލިބި، މުޅިން އަލަށް 100 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ.