ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ހަރަދު ކުޑަކުރަނީ ސިޔާސީ މަންފާއަކަށް ނޫން: ޕީއެންސީ

ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމީ ސިޔާސީ މަންފާއަކަށް ވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނައިގެން ކަމަށް ވެރިކަން ކުރާ ޕީއެންސީ އިން ބުނެފި އެވެ.

ޕީއެންސީ އިން މިހެން ބުނެފައި މިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރެއްވުމާ ގުޅިގެން ރައީސްއަށް ޝުކުރު އަދާކޮށް ނެރުނު ބަޔާނެއްގައެވެ.

ޕީއެންސީ އިން ބުނީ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިވެހިރާއްޖެ ވައްޓާލާފައިވާ އިގްތިސާދީ އަނދަވަޅުން ނަގައި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު [ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް] އަޅުއްވަން ނިންމަވާ އެކަން އިއުލާނު ކުރެއްވިކަމަށްޓަކައި މިކޯލިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު މަރުހަބާ ދަންނަވައި ޝުކުރު އަދާކުރަމެވެ،" ޕީއެންސީ އިން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް އެކަމަކު މާލީ ނިޒާމު ހަރުދަނާ ކުރުމަށް ވިސްނައިގެން ކަމަށެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަކަށް ވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނައިގެން އަޅާ ފިޔަވަޅުތަކެއް ކަމަށް ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

"މިކަމުގައި ރައީސުލްޖުމްހީރިއްޔާ އާއި އެކު މިކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ. ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ ބަރަކާތް ލައްވާ އެމަނިކުފާނަށް ސާބިތުކަން ދެއްވާށި،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.