ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ އުރީދޫ ފަން ރަންގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން މި ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.
މި އޮފާގެ ދަށުން ލ. އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ- ކައްދޫ ދެކޮޅު ޓިކެޓު 2،488 ރުފިޔާއަށް ލިބޭނެ އެވެ.
އުރީދޯ މޯލްޑިވްސް އިން ބުނީ ޖުލައި މަހުގެ ފަހެއްވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް ކަމަށެވެ. ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ އެވެ.
ފަން ރަން އަށް މޯލްޑިވިއަންގެ ހާއްސަ އޮފާ ހަމަޖެހިފައިވާ ގޮތް
- ޖުލައި 4 އިން 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް
- ޖުލައި 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް
މި އޮފަ ބޭނުންކުރުމަށް އުރީދޫ ފަން ރަންގައި ރެޖިސްޓާވެފައިވާ ފަރާތްތަކުން އޯޑަ އައިޑީއާ އެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި "އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު އީމެއިލް ކުރުމުން އޮފާ ހަމަޖެހިގެންދާނެ ކަމަށް އުރީދު އިން މައުލޫމާތުދެ އެވެ.
އުރީދޫ މޯލްޑީވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލ. އަތޮޅުގައި ބާއްވާ ފަން ރަން ގައި މޯލްޑިވިއަން އިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރިވުމަށް ފަސޭހަވާނެ،" ހާލިދު ވިދާޅުވި އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްވެސް ވިދާޅުވީ އުރީދޫ ފަން ރަންގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން،" އިޔާސް ވިދާޅުވި އެވެ.