ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ ހިދުމަތުގެ ނިޒާމު ރީސްޓްރަކްޗާކޮށް މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފައިވަނީ މިދިޔަ މަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
ހިދުމަތުގެ ނިޒާމު ރީސްޓްރަކްޗާކޮށް މާދަމާ އިން ފެށިގެން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި މައިގަނޑު ބޭނުމަކީ ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށް މަސައްކަތްތައް ތަރުތީބުކުރުން ކަމަށެވެ.
އެ ގޮތުން ލޯކަލް ޕޮލްކޯސިން ރީޖަންތައް ހިމަނައިގެން 17 ކޮމާންޑް އެންޑް ޑައިރެކްޓްރޭޓްގެ މައްޗަށް ފުލުހުންގެ ހިދުމަތް ބައްޓަން ކުރެވިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި އިލްމާއި ތަމްރީނާއި ގުޅޭ ގޮތުން ކޮމާންޑް، ޑައިރެކްޓްރޭޓް އަދި ޑިޕާޓްމެންޓްތަކުގެ ވެރިން އައްޔަންކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް އަންނަ ބަދަލުތަކުގެ ތެރޭގައި އާ ކޮމާންޑްތައް ތައާރަފުކުރުން ހިމެނެ އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އަލަށް ތައާރަފުކުރަނީ ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ އަދި ހުޅުމާލެ ޕޮލިސް އެވެ.
އޭނާ ވިދާޅުވީ ގޭންގް ކުށް މަދުކުރަން މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެއް ކަމަށާއި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސަސާއެއް ބިނާކުރުމަށް ޑިޖިޓަލް ކޮމާންޑެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލޭގެ ޕޮލިސިން ފޯކަސް ހިފައްޓާ މަސައްކަތް ހަރުދަނާކުރުމަށް ހުޅުމާލެ ވަކި ޕޮލިސިން ކޮމާންޑެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
"ފުލުހުންގެ ގަވަނަންސް ނިޒާމު ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަންކުރުމަށް ހިދުމަތްތައް އިންސްޓިޓުނަލައިޒް ކުރުން މި ބަދަލުތަކުގެ މުހިންމު މަގުސަދެއްގެ ގޮތުގައި ހިމެނޭ،" ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް އެކަށަ އެޅުމަކީ މި ހަތަރު އަހަރުގެ ޕްލޭން އަހަމިއްޔަތުކަން ދޭ މުހިއްމު ދާއިރާއެއް ކަމަށެވެ.