އަހުމަދު ނާޒިމް

ނާޒިމުގެ ވަރުގަދަ އިންޒާރެއް ކައުންސިލްތަކަށް!

ބައެއް އަތޮޅު ކައުންސިލްތަކުން ބޭކާރު ހަރަދުތައްކޮށް ރާއްޖެއިން ބޭރަށް ދަތުރުތައް ކުރަމުންދާތީ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ކައުންސިލްތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް ނާޒިމު ވިދާޅުވީ ފިސްކަލް ޒިންމާއަށް ޒިންމާވުމުގެ ބާރު ނެތް ބައެއް ހާލަތްތައްވެސް ގާނޫނުތަކުން ވުޖޫދުކުރެވިފައިވާ ކަމަށެވެ.

"މިގޮތުން ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި،" ނާޒިމު ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި ކައުންސިލްތަކަށް އިންޒާރު ދެއްވާ ނާޒިމު ވިދާޅުވީ ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ބަދަލުވާންޖެހޭ ކަމަށެވެ. އަދި ކައުންސިލްތަކުން ޒިންމާދާރުނުވާނަމަ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެންމެން އެބަޖެހޭ ޒިންމާދާރުވާން. ރައްޔިތުންގެ އަޅުގަނޑުމެން ހޮވާފައި މި މަޖިލީހަށް ފޮނުވީ އެކަންތައްކުރަން. އެހެންވީމާ އަޅުގަނޑުމެން އެކަންތައް ކުރާނަން. އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް އަޅުގަނޑުމެންގެ ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް އެބަޖެހޭ އެނބުރެން އެކަންތައް އެބަޖެހޭ ރަނގަޅުވާން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވަނީ ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި މި އަހަރުވެސް 2.2 ބިލިއަން ރުފިޔާ ސަރުކާރުން ކައުންސިލްތަކަށް ދޭން ބަޖެޓުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އިގުތިސާދީ ހާލަތު ދަތިވެފައި އޮތްއިރުވެސް އަތޮޅު ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ދަތުރުތައް ކުރަމުންދާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

"އިގުތިސާދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުކުރަމުންދާކަން އަޅުގަނޑު ފާހަގަކުރަން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ބެންކޮކް ދަތުރެއް ވަނީ ރާވާފަ އެވެ.

މީގެ އިތުރުން މި އަހަރު ގދ. އަތޮޅު ކައުންސިލަރުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

"މި ހިނގާ 2024 ވަނަ އަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837،078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅުބާޒާރުން 17.65ރ. އަށް،" ނާޒިމު ވިދާޅުވި އެވެ.