ފިނޭންސް މިނިސްޓްރީ

ކުންފުނިތަކުގެ ދަރަނި 98 ބިލިއަނަށް އަރާ: މުނައްވަރު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކުންފުނިތައް ހިންގީ އިންތިހާއަށް ހަރަދު ބޮޑުކޮށް ކަމަށެވެ. ދައުލަތް މިއަދު އޮތް އުދަނގޫ ހާލަތަށް އައި މައިގަނޑު ސަބަބަކީ ވެސް ކުންފުނިތައް ދަރަނިވެރިކޮށްލަން ދޫކޮށްލުން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

މުނައްވަރު ވިދާޅުވީ ކުންފުނިތަކުގެ ޖުމްލަ ދަރަންޏާއެކު ރައީސް ސޯލިހްގެ ސަރުކާރު ނިމުނުއިރު މުޅި ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނިތަކުގެ ހަރަދު ކުޑަނުކޮށް އަދި ހިންގުން ހަރުދަނާ ނުކޮށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ސަބްސިޑީއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި އަދަދުތައް ކުންފުނިތަކަށް ދޫކޮށްފައި ކަމަށެވެ. އެކަމަކު އެ ސަރުކާރުގައި ކުންފުނިތަކަށް ދޫކުރި ފައިސާގެ އެއްވެސް ނަތީޖާއެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"ރީފޯމާއި ރީސްޓްރަކްޗާ ކުރުމުގައި އެންމެ ބޮޑުއިސްކަމެއް ދޭންޖެހޭ ދާއިރާއަކީ އެއީ،" މުނައްވަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާއާ ހަމައަށް ގާތްގަނޑަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު ކުންފުނިތަކުން ވިޔަފާރިކޮށްފައި ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދެއްކީ 500 މިލިއަނެއްހާ ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުނައްވަރު ވިދާޅުވީ ދައުލަތުގެ ދަރަނި މިއަދު މިއޮތް ގޮތަށް ބޮޑުވެފައިވަނީ މާލީ މުހިއްމު ގިނަ ޒިންމާތަކެއް އެމްޑީޕީގެ ސަރުކާރުން ދޫކޮށްލުމުން ކަމަށެވެ.

"މިދިޔަ ވެރިކަމުގެ ދައުރު ނިމުނުއިރު، ސަރުކާރުގެ ހަރަދުތައްވެސް ހުރީ ކޮންޓްރޯލުން ނެއްޓިފައި،" މުނައްވަރު ވިދާޅުވި އެވެ.

އެޑްވައިޒަރު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ނިމުނުއިރު އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ، ޑެފިސިޓް ހަރަދުވެސް ހުރީ ގާތްގަނޑަކަށް 53 ބިލިއަން ރުފިޔާގައި ކަމަށެވެ.

"އެއީ އަހަރަކަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ،" ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މުނައްވަރު ވިދާޅުވި އެވެ.

ހަރަދު ބޮޑު ވާން ދިމާވި ބައެއް ސަބަބުތަކަކީ ބަލާލުމެއްނެތި މުވައްޒަފުން އިތުރު ކުރުމާއި، ނުބައްދަލު މުސާރަ ދިނުމާއި، މަޝްރޫއުތައް ރޭވި އިރު ޖުމްލަ ހަރަދަށް ބަލާފައިނުވާތީ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.