ރައީސް އޮފީސް

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމަށް ދެ ބޭފުޅުން

އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

މި މަގާމަށް އައްޔަންކުރައްވާފައިވަނީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

މި ބޭފުޅުން މަގާމަށް އައްޔަނުކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް މުއިއްޒު އެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދެބޭފުޅުން އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

މި ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.