ރައްޔިތުންގެ މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލި ކޮމިޓީވެސް ސިއްރު

އަމިއްލަ ފަރާތަކުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލައެއް ބެލުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ ސިއްރުކޮށްފި އެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ހުށަހެޅުމަށް ކޮމިޓީގެ މެންބަރުން ތާއީދު ކުރެއްވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުން އޭގެ ފަހުން ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީގައި މިއަދު އޮތީ މައްސަލަ ހުށަހެޅި މީހާއާ ބައްދަލުކުރުމެވެ.

ރައްްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީވެސް މިއަދު ވަނީ ސިއްރުކޮށްފަ އެވެ. އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި ފުލުހުންގެ އިސްވެރިންނެވެ.

ދައުލަތުގެ އިގްތިސާދީ ހާލަތު އޮތް ގޮތް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއެއް މިދިޔަ ހަފްތާ ބޭއްވިއިރު އެ ކޮމިޓީވެސް ސިއްރުކުރަން ކޮމިޓީން މަސައްކަތް ކުރި އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބޭނުންވީ އާންމުކޮށް ހުޅުވާލައިގެން ކޮމިޓީ ކުރިއަށް ގެންދަން ކަމަށްވާތީ އެ ކޮމިޓީ ބޭއްވީ ހުޅުވާލައިގެންނެވެ.