ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް 4 ބޭފުޅަކަށް ރުހުންދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައްވާފަ އެވެ.

މެމްބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ވަނީ ވަކިވަކިން ވޯޓަށް އަހާފަ އެވެ.

މެމްބަރުކަމަށް ރުހުންދިން ބޭފުޅުން

  • ހ. ހޯސްޓްސައިޑް، އަބްދުލްޣަނީ
  • ގ. އަލިޝާ، މުހައްމަދާއި އިބްރާހިމް ޝަރީފް
  • ގ. މާވާރުލު، ހަސަން ޒުހައިރު މުހައްމަދު
  • ގއ. ނިލަންދޫ، ގަސްދޮށުގެ، ޝިފްޒާ އަބްދުލްގައްޔޫމް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު އެވެ. މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ހަތަރު މެންބަރުން ވަކިކުރެއްވީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ޓްރައިބިއުނަލް އިން ވަކިކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި، ނައިބް ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެމްބަރު އަހްމަދު އަޝްރަފާއި، މެމްބަރު ހަދީޖާ ނައީމް އެވެ.

މި މެމްބަރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް މައްސަލައެއް ގެނައީ ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ހަމައެކަނި މެންބަރު އިސްމާއީލް ސާޖިދެވެ.