ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމަށް 13 ބޭފުޅުން ކުރިމަތިލައްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކޮށްފައިވާތީ ހުސްވި މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާ އޭގެ ތެރެއިން ހަތަރު ބޭފުޅަކަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ނަންތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ އެވެ. ރައީސްގެ ސިޓީގައި 13 ބޭފުޅެއްގެ ނަން ހިމެނެ އެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުން

  • ހަސަން ޒުހައިރު މުހައްމަދު - ގ. މާވާރުލު
  • އައިޝަތު އާދަމް - ރިވެލި، ރ. އަލިފުށި
  • އިބްރާހީމް ޝަރީފް - ގ. އަލިޝާ
  • ޝިފްޒާ އަބްދުލްގައްޔޫމު - ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހްމަދު ސައީދު - މ. ފަތްކޯނި ހުޅަނގު ބައި
  • އަބްދުﷲ އަބްދުލްހަކީމް - އަޒާންޕެލަސް، ޅ. ނައިފަރު
  • މުހައްމަދު އަމީން ޒާހިރު - ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ - ހ. ސޯސަން
  • އަބްދުލްޣަނީ މުހައްމަދު - ހ. ހޯސްޓްސައިޑް
  • އަހްމަދު އަލީ - ހުޅުމާލެ، ފްލެޓް ނަންބަރު 1/ޖީ/108
  • އަލީ ރިޒާ އިސްމާއީލް - ހުޅުމާލެ ހިޔާ 2 / 13 / 3
  • ފާތިމަތު ޝަފީނާޒް - ހުޅުމާލެ ގޯތި ނަންބަރު 11،021
  • މަޖީދު އަލީ - މަތަރެސްމާގެ، ގއ. ދާންދޫ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު އެވެ. މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ހަތަރު މެންބަރުން ވަކިކުރެއްވީ މިދިޔަ އޮގަސްޓް 26 ވަނަ ދުވަހު އެވެ.

ޓްރައިބިއުނަލް އިން ވަކިކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި، ނައިބް ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެމްބަރު އަހްމަދު އަޝްރަފާއި، މެމްބަރު ހަދީޖާ ނައީމް އެވެ.

މި މެމްބަރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް މައްސަލައެއް ގެނައީ ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ހަމައެކަނި މެންބަރު އިސްމާއީލް ސާޖިދެވެ.