އެފްއޭއެމް

ބޮއްސުންލާފައިވާ އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ބޮޑު ހުކުމެއް

އަމިއްލަ ކުންފުންޏަކުން ނެގި ފައިސާ އަނބުރާ ރައްދު ކުރުމަށް ދޫކުރި ޗެކު ބައުންސް ވެގެން، ބޮއްސުންލާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ގާތް ގަނޑަކަށް އަށް ލައްކަ ރުފިޔާގެ ހުކުމެއް ކޮށްފި އެވެ.

އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެފްއޭއެމްއާ ދެކޮޅަށް ކުރި މި ދައުވާއަކީ، އޮގަސްޓް، 2022 ގައި އެފްއޭއެމް އިން އެ ކުންފުންޏަށް، ފަހުން ދޭ ގޮތަށް ހޯދި 50،000 ޑޮލަރަށްވާ ފައިސާ ނުލިބިގެން ކުރި ދައުވާ އެކެވެ.

އެފްއޭމުން މި ފައިސާ އަނބުރާ ދެއްކުމަށް ދޫކުރި، 771،000 ރުފިޔާގެ ޗެކު ބައުންސް ވުމުން އެ ކުންފުނިން ދެން އެ ފައިސާ ހޯދުމަށް ދައުވާ ކުރީ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު މި ހުކުމް ކުރީ އެފްއޭއެމްގެ ޣައިރު ހާޒިރު ގައެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ހުށަހެޅިފައިވާ ކިތާބީ ހެކިތަކަށް ރިއާޔަތް ކުރާއިރު، އެ ޗެކަށް ފައިސާ ލިބިފައި ނުވާކަން ސާބިތުވާތީ، އެމްއެސް ފައިނޭންސަށް ދައްކަންޖެހޭ 771،000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދަށްވާ 5،000 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގާ ކަމަށެވެ.

އެފްއޭއެމްގެ މައްޗަށް މި ހުކުމް ކުރިއިރު މި ނޫންވެސް އެތައް މައްސަލައެއްގައި އެފްއޭއެމްގެ މައްޗަށް ކޯޓުން މާލީ ކަންކަމާ ގުޅިގެން ހުކުމްތަކެއް ކޮށްފައި އެބަހުއްޓެވެ.

މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭމް ބަނގުރޫޓުވެފައިވާ ކަމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

އެފްއޭއެމްގެ މައްޗަށް މާލީ ބޮޑު ހުކުމެއް އަނެއްކާވެސް އިއްވާފައިވާއިރު އެ އިދާރާގެ ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ޖިނާއީ ދައުވާތަކެއް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާ ކަމުގެ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ދަނިކޮށް ފީފާއިން ވަނީ ބައްސާމް ސަސްޕެންޑްވެސް ކޮށްފަ އެވެ.