ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ މައްޗަށް ހަފްތާއެއް ތެރޭ ބޮޑު ދެވަނަ ހުކުމް

އެފްއޭއެމުން އަމިއްލަ މީހެއްގެ އަތުން ނެގި 20،000 ޑޮލަރު އަނބުރާ ނުދީގެން އެ ފައިސާ 10 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި އެފްއޭއެމްގެ މައްޗަށް ކުރި މިފަދަ ދެވަނަ ހުކުމެވެ. މި ހަފްތާ ތެރޭ ފުރަތަމަ ކުރި ހުކުމަކީ 50،000 ޑޮލަރު ނުދައްކައިގެން ކުރި ހުކުމެކެވެ.

މިދިޔަ ހޯމަ ދުވަހު ކުރި 20،000 ޑޮލަރުގެ ހުކުމަކީ މިދިޔަ އަހަރުގެ ތެރޭގައި އަމިއްލަ މީހެއްގެ އަތުން ނެގި ފައިސާ ރައްދު ކުރުމަށް ދޫކުރި ޗެކް ބައުންސްވީ މައްސަލައަކާ ގުޅިގެން ކުރި ހުކުމެވެ.

މި ހުކުމް އެފްއޭއެމްގެ މައްޗަށް ކޮށްފައިވަނީ އެ އިދާރާގެ ޣައިރު ހާޒިރުގައެވެ. މައްސަލަ ބެއްލެވި ގާޒީ ކުރެއްވި ހުކުމުގައި އަމުރުކޮށްފައިވަނީ ހޯމަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ފައިސާއާއި ޝަރީއަތުގެ ހަރަދަށް ހިނގި 27،000 ރުފިޔާ ދައްކާ ހަލާސް ކުރުމަށެވެ.

އެފްއޭއެމްގެ މައްޗަށް މި ހަފްތާގައި ކުރިން ކުރި ހުކުމަކީވެސް ޗެކެއް ބައުންސް ވެގެން ކުރި ހުކުމެވެ. އެފްއޭއެމްގެ މައްޗަށް މި ހުކުމް ކުރިއިރު މި ނޫންވެސް އެތައް މައްސަލައެއްގައި އެފްއޭއެމްގެ މައްޗަށް ކޯޓުން މާލީ ކަންކަމާ ގުޅިގެން ހުކުމްތަކެއް ކޮށްފައި އެބަހުއްޓެވެ.

އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އައިސްފައިވާއިރު އެ އިދާރާގެ ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ޖިނާއީ ދައުވާތަކެއް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާ ކަމުގެ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ދަނިކޮށް ފީފާއިން ވަނީ ބައްސާމް ސަސްޕެންޑްވެސް ކޮށްފަ އެވެ.