އިބްރާހިމް ޝުޖާއު

މެންބަރުކަމުން ވަކިވުމުން އިނާޔަތް ލިބުމަކީ ހަމަޖެހޭ ކަމެއް ނޫން: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހުވެސް އިނާޔަތް ލިބޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމާއި މެންބަރުންނަށް ލިބޭ އިނާޔަތްތަކާމެދު ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް މަޖިލީހުގެ މެންބަރުންނަށް ލިބޭ އިނާޔަތްތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝިއުރެންސްގެ ގޮތުގައި ލިބޭ އިންޝިއުރެންސް ހިދުމަތަކީ އުމުރު ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝިއުރެންސް އޮންނަންޖެހޭނެ ގޮތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރުކަމުގެ އެއް ދައުރުކޮށް ވަކިވެ ދިއުމުން އުމުރުން 55 އަހަރުވުމުން އިނާޔަތް ލިބޭ ގޮތަށް އޮތް އޮތުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަންކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށާއި ރާއްޖޭގައި ގެންނަންވީ ހަމަޖެހޭ ރަނގަޅު އިންޝިއުރެންސް އެއް ނިޒާމު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކީގައި ހުރިހާ ރައްޔިތުންނަށް އެ އިންޝިއުރެންސްގެ ބޭނުން ކުރެވޭނެ ނިޒާމެއް އޮންނަންވީ،" ޝުޖާއު ވިދާޅުވި އެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރުންނަށް އާސަންދަ ލިބޭއިރު ވަކިން އިތުރު އިންޝިއުރެންސް ލިބޭ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އާސަންދަ ލިބޭއިރު ވަކިން ކުންފުނިން އިންޝިއުރެންސް ފޯރުކޮށްދޭކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

"މިއީ ދައުލަތަށް ބުރަބޮޑުވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.