ހަބަރު

ވިޔަފާރިއެއް ވެސް ނުކޮށް މަހުލޫފަށް 1.9 މިލިއަން ރުފިޔާގެ އާމްދަނީއެއް

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މާލީ ބަޔާން އާންމުކޮށްފި އެވެ.

ކޮންމެ އަހަރަކު އެއްފަހަރު މަޖިލީހުގެ މެމްބަރެއްގެ މިލްކީޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތާއި، އަރަންޏާއި ދަރަނި ހާމަކޮށް ބަޔާނެއް އަމީންއާމަށް ހުށަހަޅާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއަށް އެއްވެސް މެމްބަރަކު އަމަލު ނުކުރުމުގެ ސަބަބުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމާއި ދެކޮޅަށް ކެމްޕެއިންއެއް ފެށައި، ގިނަ ބަޔަކު މިހާރު އަންނަނީ މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުދަލާއި ހިސާބުތަކުގެ ތަފްސީލު ހިމެނޭ މާލީ ބަޔާން މުހުލޫފު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނާ ގޮތުން އެމުއްދަތުގެ ތެރޭގައި މަހުލޫފަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1،862،600 ރުފިޔާ ލިބިފައިވެ އެވެ. އެ ފައިސާގެ ތެރެއިން މަހުލޫފު ހަރަދުކޮށްފައިވަނީ 1،350،000 ރުފިޔާއެވެ. އެހެން ކަމުން އޭނާގެ ކައުންޓްގައި އަދިވެސް ބާކީ، 512،600 ރުފިޔާ އެބަހުއްޓެވެ.

އެހެން ނަމަވެސް މަހުލޫފު އެއްވެސް ވިޔަފާރިއެއް ނުކުރައްވަ އެވެ. އަދި އޭނާ ހިއްސާވާ ވިޔަފާރިއެއް ވެސް ނެތެވެ. އޭނާގެ މުދަލުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ ސައިކަލެއް އެކަންޏެވެ.

މަހުލޫފު މިއަދު އޭނާގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު، މެންބަރު އީވާ އަބްދުﷲ ވެސް ވަނީ މިއަދު މާލީ ބަޔާން އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނާ ގޮތުން އެމުއްދަތުގެ ތެރޭގައި އީވާއަށް މުސާރާގެ ގޮތުގައި ލިބިފައި ވަނީ 80،153.72 ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ފައިސާގެ ގޮތުގައި ހުރި 36.556.60 ރުފިޔާއާއި، 2،827.72 ޑޮލަރެވެ.

އީވާގެ މާލީ ބަޔާނުގައިވާ ގޮތުން އީވާގެ ވިޔަފާރީއެއް ނުވަތަ ހިއްސާވާ ވިޔަފާރިއެއް ވެސް ނެތެވެ. އަދި އީވާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ވެސް ނެތް ކަމަށް މާލީ ބަޔާނުގައިވެ އެވެ.